ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ އެމްޑީޕީގެ އަންހެނުންގެ ވިންގުގެ ރައީސާ ރޮޒައިނާ އާދަމް ފަދަ ބޭފުޅުންގެ ސަބަބުން އެމްޑީޕީއަށް ބޮޑެތި ގެއްލުންތަކެއްވެ އާންމު މެމްބަރުންގެ ތާއީދު ގެއްލެމުންދާކަމަށް، މަޖިލީހުގެ މާފަންނު މެދު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

މެމްބަރު ރަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، ކޮޕް 27 ސަމިޓުގައި ސްރީ ލަންކާގެ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާތީ އެކަމަށް ފާޑުވިދާޅުވެ މެމްބަރު ރޮޒެއިނާ ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެން، ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި އެކަމަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރޮޒެއިނާ ވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ރާއްޖެ ބައިވެރިވާ ފޯރަމް އެއްގައި އެހެން ގައުމެއް ތަމްސީލު ކުރެވިދާނެތޯ، ރާއްޖޭގެ ބަންޑާރަނައިބުގެ ކިބައިން ޓުވިޓާ މެދުވެރިކޮށް އައްސަވާފައެވެ. އަދި މިއީ ކުރެވިދާނެ ކަމެއްކަމަށް ބުއްދިއަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ މި ދަތުރުފުޅަށް މަޖިލީހުން ޚަރަދު ނުކުރަމޭ ބުނުމަކުން މިކަމެއް ހައްލު ނުވާނެ ކަމަށާއި، މިއީ ޔޫއެންގައި ލަންކާ ތަމްސީލުކުރުމަށް ދިވެހިރާއްޖޭގެ ރައީސް ވަޑައިގެން، އެ ދަތުރުފުޅަށް ރައީސް އޮފީހުން ޚަރަދު ނުކުރަމޭ ބުނުން ފަދަ ކަމެއްކަމަށް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.

މިފަދަ ވާހަކަފުޅުތަކަކާއި ގުޅިގެން ރޮޒެއިނާއަށް ރައްދު ދެއްވަމުން މެމްބަރު ރަޝީދު ވިދާޅުވީ، ރައީސް ނަޝީދަކީ އދ އާއި އެހެނިހެން ބައިނަލްއަގްވާމީ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ލީޑަރެއް ކަމަށާއި، މިފަދަ ސަމިޓުތަކުގައި ރައީސް ނަޝީދު ފަދަ، ސަމިޓުތަކުގެ ފާހަގަކޮށްލެވޭ ޝަހްސިއްޔަތުތައް ފެނިގެން ނުދިޔުން އެއީ ބޮޑު މައްސަލައަކަށް، އުނިކަމަކަށް ވާނެ ކަމަށެވެ.

އަދި ރައީސް ނަޝީދަކީ ދުނިޔޭގެ ގަދަ 10 ލީޑަރުން ހޮވާނަމަ އެންމެ މޮޅު ތިން ލީޑަރުންގެ ތެރޭގައި ހިމެނޭނެ ލީޑަރެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ރައީސް ނަޝިދަކީ ޔޫއެންގެ އެވޯޑު، ގްލޯބަލް އެވޯޑުތައް، ޗެމްޕިއަންސް އެވޯޑުފަދަ އެވޯޑުތައް ލިބިވަޑައިގެންފަ ހުރި ބޭފުޅެއް. އަދި ގްލޯބަލް ޕްރެސިޑެންޓް އެވޯޑުވެސް. މުޅި ދުނިޔެއިން ބަލައިގެންފަ ހުރި ބޭފުޅެއް. އެއީ ދުނިޔޭގެ ލީޑަރުންގެ ލީޑަރެއް. އެހެންވީމަ ކޮޕް 26 ނުވަތަ ކޮޕް 15 އިން ފެށިގެން އޭރު ދުނިޔޭގެ ލީދަރުންގެ ތެރޭގައި ފާހަގަކޮށްލެވިފަ ހުރި ލީޑަރެއް ބައިވެރި ނުވެއްޖެއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް. އެއީ ވަރަށް ބޮޑު އުނިކަމަކަށް ވާނެ. އެހެންވީމަ މިވަގުތު ރައީސް ނަޝީދަކީ ޖަމިއްޔާތަކާއި އެފަދަ މަސައްކަތްތަކުގަ އުޅުއްވާ ބޭފުޅެއްވީމަ، އެފަދަ ތާކުން ނުފެނުނީމަ އެ އޮންނަ އުނިކަމެއް އޮންނާނެ".
މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)

މެމްބަރު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ މި ދަތުރުފުޅާއި ގުޅިގެން ފާޑުކިޔަމުންދަނީ އެމްޑީޕީގެ މެމްބަރުން ނޫން ކަމަށާއި، އެއީ އެމްޑީޕީއަށް ޑީއާރުޕީގެ ތެރެއިންނާއި އެހެން ބައެއް "ފެކްޝަން" ތަކުން އެމްޑީޕީގެ ތެރެއަށް ވަދެގެން އުޅޭ މީހުން ދައްކާ ވާހަކަކަމަށް މެމްބަރު ރަޝީދު ވިދާޅުވިއެވެ. އަދި މިފަދަ މީހުން، ރައީސް ނަޝީދަކީ އަދި އެހެން ބައެއް މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުން ނޫންކަމަށް ބުނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި މިފަދަ ވާހަކަތަކުގެ ސަބަބުން ނިކުންނަ ނަތީޖާ ވަރަށް ގޯސް ކަމަށާއި، އެކަމުގެ ސަބަބުން ބައެއް އާންމު މެމްބަރުންނަށްވެސް ތިމަންނާމީ އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށް އިހްސާސްވާ ހިސާބަށް ގޮސްފައިވާ ކަމަށާއި، ބައެއް މެމްބަރުން ވޯޓުލާންދާން ދެކޮޅު ހަދާކަންވެސް މެމްބަރު ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަށް ވޯޓު ނުލާނެކަމަށް މެމްބަރު ރަޝީދު އާއި ދިމާވާ ބައެއް އާންމު މެމްބަރުން ބުނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

"އެމްޑީޕީގެ ތެރެއަކުން ނޫން މިހެން މިކިޔަނީ. އެއީ (އެމްޑީޕީ ތެރެއަށް) ޑީއާރްޕީ އިންނާއި އެހެންގޮސް ވަދެފަތިބި ފެކްޝަންތަކަކުން މި ބުނަނީ އެމްޑީޕީ މެމްބަރުންނެއް ނޫނޭ މިހާރު ރައީސް ނަޝީދަކީ އެހެންވީމަ މީގެ ނަތީޖާވެސް ވަރަށް ގޯސް. މިހެން ބުނީމާ އެމްޑީޕީގެ އާންމު ގިނަ މެމްބަރުންނަށް ގަބޫލުކުރެވިފައި މި އޮންނަނީ ތިމަންނަމެންމީ އެމްޑީޕީގެ މެމްބަރުންނެއް ނޫނޭ. މިހާރު ބުނަމުންދަނީ ތިމަންނަމެނެއް ނުދާނަމޭ ވޯޓުލާކަށްވެސް. އެ ވިސްނުން މިހާރު ބުއްދީގަ މި ހުންނަނީ. އަޅުގަނޑާ ދިމާވި ފަރާތްތަކުންވެސް ބުނަނީ ތިމަންނަމެން ނުދާނަމޭ. އަޅުގަނޑު މިއަހަނީ ކޮން ބަޔަކަށްހޭ ދެން ވޯޓުލަނީ. ބުނީމަ މި ބުނަނީ ތިމަންނަމެން އިބްރާހިމް މުހައްމަދު ޞާލިޙް އަކަށް ވޯޓެއް ނުލާނަމޭ".
މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)

މިފަދަ ކަންކަމަކީ ރޮޒެއިނާމެން ފަދަ ބޭފުޅުންގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ކޯޅުން ބޮޑުވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާތާ ދުވަސްތަކެއް ވެފައިވާކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި ކޯޅުން އުފެދިފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ރާއްޖޭގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް ރައީސް ނަޝިދު ގެންގުޅުއްވި ވިސްނުންފުޅަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެކޮޅު ހެއްދެވުމުން ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

އަދި މި ކޯޅުން ބޮޑުވެ، އާންމުންނާއި ހަމައަށްވެސް މިކަން ހާމަވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް، ރައީސް ޞާލިޙް އާއި ރައީސް ނަޝީދު، ދެ ބޭފުޅުން، ދެ ކެންޑިޑޭޓަކަށް ތާއީދު ކުރިކަން ހާމަކުރުމާއެކުއެވެ. އެގޮތުން ރައީސް ޞާލިޙް ތާއީދު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވި ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަށެވެ. ރައީސް ނަޝީދު ތާއީދުކުރެއްވީ އިންތިޚާބުގައި ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގަތް އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ.

ޑިސެންބަރު 2018 ގައި ބޭއްވި ކޮޕް 24 ސަމިޓްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެެއްގެ ހައިސިއްޔަތުން ރާއްޖޭ ތަމްސީލު ކުރެއްވީ ނަޝީދެވެ. އެއަށް ފަހު މިދިޔަ އަހަރު ބޭއްވި ކޮޕް 26 ސަމިޓްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިފަހަރުގެ ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.