ބަޖެޓްގެ ދަތިކަމާއެކުވެސް މާލެ ސިޓީ ކައުންސިލުން އަންނަނީ މާލެ ސިޓީގެ މަގުތަކުގައި ހަލާކުވެފައި ހުރި ކާނުތަކުގެ މަތިގަނޑުތައް ބަދަލުކުރަމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ހަވާލުވެހުންނެވި މެދު ހެންވޭރު ދާއިރާގެ ކައުންސިލާރ އާދަމް ރަމީޒް ވިދާޅުވެއްޖެއެވެ.
ރަމީޒް ވިދާޅުވީ ބޭނުންވާ ގޮތަށް ހަލުވިކަމާއެކު މާލެ ސިޓީގެ މަގުތަކުގެ ކާނުތަކުގެ މަތިގަނޑުތައް ނުހެދެނީ ބަޖެޓުގެ ދަތިކަމާހުރެ ކަމަށެވެ. ރަމީޒް ވިދާޅުވީ ކައުންސިލަށް ބަޖެޓް ނުލިބޭތާ 3 މަހަށްވުރެ ގިނަދުވަސްވެފައި ވާކަމަށާއި، ކާނު މަތިގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓިފައިވަނީ އެކަމަށް ބޭނުންވާ ފައިސާ އާއި ސާމާނު ނެތުމުން ކަމަށެވެ.
އެގޮތުން އެކަމަށް ބޭނުންވާ ސިމެންތި އާއި ހިލަ އާއި ހިލަވެލި މާލެ ސިޓީ ކައުންސިލުގައި ނެތްކަން ރަމީޒް ފާހަގަކުރެއްވިއެވެ.
ރަމީޒް ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގެ ކާނުތަކަކީ އަބަދުވެސް ބަދަލު ކުރާ އެއްޗެއް ކަމަށާއި އެހެންނަމަވެސް މިދުވަސްވަރު ކާނު މަތިގަނޑު ހަލާކުވުމުގެ މައްސަލަ ބޮޑުވެފައިވަނީ ބޮޑެތި މަގުތަކުގައި ސަރުކާރުން މިނީ ބަހުގެ ހިދުމަތް ފެށުމުން ކަމަށެވެ.
ރަމީޒް އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރާ މިހާރުގެ ކައުންސިލުން ހަވާލުވީ ފަހުން 300އަށް ވުރެ ގިނަ ކާނު މަތިގަނޑު ވާނީ ބަދަލުކޮށްފައިކަމަށާއި މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ހަލާކުވެފައިހުރި ކާނުތައް ދެނެގަތުމަށް ސާރވޭއެއް ހަދާފައި ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ ސާވޭއިން ދައްކާގޮތުގައި މިހާރުންމިހާރަށްވެސް ބަދަލުކުރަންޖެހޭ ކާނު މަތިގަނޑުތަކުގެ އަދަދު 400 އަށްވުރެ މައްޗަށް އަރާ ކަމުގައި ރަމީޒް ވިދާޅުވިއެވެ.
ކާނުމަތި ބަދަލުކުރުމުގެ އިތުރުންވެސް މާލެ ސިޓީ ކައުންސިލުންދަނީ މާލެ އަދި ވިލިމާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތާއި، މަގުތަކުގައި ހުންނަ އެހެނިހެން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންނެވެ.