ކ.ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމާ ބެހޭ ކޮންޓްރެކްޓެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިލާ އެޑިޔުކޭޝަނަލް ސާވިސަސް (ވީއީއެސް) ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މިއީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.
މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. ވީއޭއެސްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބެވެ.
މި ވެވުނު އެއްބަސްވުމުގެ ދަށުން، 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި އެއްބަސްވުން އެކުލަވާލެވިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.
މިއެއްބަސްވުމުގައި ސައިކުރުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންނާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސްގެ ބޭފުޅުންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި، ތުލުސްދޫ ކައުންސިލްގެ ބޭފުޅުން (އޮންލައިންކޮށް) ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވާހަކަ ދައްކަވަމުން ވަނީ ބިޑް އުސޫލުން ވާދަކޮށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އިން މި ޓެންޑަރ ކާމިޔާބު ކުރިކަމަށްޓަކައި އެފަރާތަށް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ. މީގެ އިތުރުން މި އެއްބަސްވުމަކީ މިފަދަ ގޮތަކަށް ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވެވޭ މިފަދަ ފުރަތަމަ އެއްބަސްވުންކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން، މިބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމްގެ ވާހަކައިގައި މި ޕްރޮޖެކްޓުގައި ސޮއި ކުރެވިގެންދިޔުމަކީ ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ތަޢުލީމާއި ތަމްރީނުތައް ހޯދުމުގެ ވައްޓަފާޅި ބަދަލުވެ އެކަމަށް އިންގިލާބެއް ގެނެސްދޭނެ ކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިކަން ކާމިޔާބު ވެގެން ދިޔަކަމަށްޓަކައި މިކަމުގައި މަސައްކަތްތައް ކޮށްދެއްވި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށާއި، ތުލުސްދޫ ކައުންސިލަށް އަދި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓރީން ބުނީ، މި މަޝްރޫޢަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
އަދި މިއީ ޢިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ކ.ތުލުސްދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގޭނެއެވެ.
މި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށްޓަކައި ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސައިދީފައެވެ. އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސައިދީފައެވެ.
މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްގީކުރެވިގެން ދާނެއެވެ.
މީގެއިތުރުން، މަދުވެގެން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ.