އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އައޮވާ އަށް ނިސްބަތްވާ ފިރިހެނަކު، އެއް މިނެޓު ތެރޭ 1،140 ފަހަރަށް އަތްތިލަބަޑިޖަހައިގެން ގިނިސް ވޯލްޑް ރޮކޯޑެއް މުގުރާލައިފިއެވެ.
މި ރެކޯޑް މުގުރާލި ފަރާތްކަމަށްވާ އުމުރުން 20 އަހަރުގެ ޑަލްޓަން މޭޔަރ ބުނީ "ސްޕީޑް ކްލެޕިން"އަށް ޝައުގުވެރިކަން އުފެދުނީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ކުރިން ދުނިޔޭގައި އެންމެ ހަލުވިކޮށް އަތްތިލަބަޑިޖަހަން މަޝްހޫރުވެފައިވާ ފަރާތެއް ކަމަށްވާ ކެންޓް ފްރެންޗްގެ ޔޫޓިއުބް ވީޑިއޯއެއް ފެނުނު ހިސާބުން ކަމަށެވެ.
ޑަލްޓަން ބުނި ގޮތުގައި، ހަލުވިކަމާއެކު އަތްތިލަބަޑިޖެހުމަކީ އޭނާއަށް ފެށުނީއްސުރެވެސް ވަރަށް ފަސޭހަ ކަމެކެވެ.
އަދި އޭނާގެ މި ރެކޯޑް މަސައްކަތުގައި ބޭނުންކުރީ ކުރީގައި އަތްތިލަބަޑިޖެހުމުގެ ވޯލްޑް ރެކޯޑް ހަދާފައިވާ އެލީ ބިޝޮޕް އުފެއްދި "ރިސްޓް ކްލެޕިން ޓެކްނިކް" ކަމަށް ވެސް ޑަލްޓަން ވަނީ ބުނެފައެވެ.
އަތްތިލަބަޑިޖެހުމުގެ ރެކޯޑް ކުރިން ހަދައިފައިވަނީ އެއް މިނެޓުގެ ތެރޭގައި 1،103 އަތްތިލަބަޑިޖަހައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑަލްޓަން ވަނީ ކޮންމެ ސިކުންތެއް ވެސް ގިނިސް ވޯލްޑް ރެކޯޑްސް އިން ރަނގަޅަށް ގުނާލެވޭތޯ ބެލުމަށް، އޭނާގެ ރަސްމީ މަސައްކަތް ރިއަލް ޓައިމް އަދި ސްލޯ މޯޝަންގައި ރަނގަޅަށް ޝޫޓްކޮށްފައެވެ.
މި ރެކޯޑް މާޗް މަހުގައި ހަދާފައިވީ ނަމަވެސް ޑަލްޓަންއަށް ރެކޯޑް ހެދުނުކަން ރަސްމީކޮށް އަންގާފައިވަނީ ނޮވެންބަރު މަހުގައެވެ.