ދުނިޔެ މިހާރު އޮތީ މޫސުމީ މުސީބާތާ ދިމާވުމުގެ ދަތުރުގެ މައި މަގެއްގެމަތީގައި ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިންޒާރު ކުރައްވައިފިއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް މިކަމަށް އިންޒާރުކުރެއްވީ، މިސްރުގއ ޝަރްމުއްޝައިޚްގައި ފެށި އދގެ މޫސުމާބެހޭ މަހާސިންތާ ކޮޕް27 ސަމިޓްގައި ތަގްރީރު ކުރައްވަމުންނެވެ.
ގުޓަރޭސްގެ ހަރުކށި ގޮވާލެއްވުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެވެމުންދާ ގޮވާލުންތަކުގެ ބޮޅެކެވެ.
އދގެ މޫސުމާބެހޭ މަހާސިންތާ މި ބާއްވަނީ، މޫސުމާ ގުޅުންހުރި ބޮޑެތި އެތައް ކަރިޘާތަކެއް ދުނިޔެ ތަހައްމަލްކުރި އަހަރަކަށް ފަހުގައެވެ.
މީގެއިތުރުން، ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުނުކުރެވި، މޫސުމީ ކާރިޘާތަކާ ކުރިމަތިލާން ޖެހިފައިވާ ފަގީރު ގައުމުތަކަށް އެއްވެސް އެހީތެރިކަމެއް ނުލިބި ދިޔަ އަހަރަށްފަހުގައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ގަޑީގެ ކަށިދަނީ އެނބުރެމުން ކަމަށާއި، އެންމެން މަސައްކަތްކުރަނީ އަމިއްލަ ފުރާނައިގެ ސަލާމަތަށް ކަމަށެވެ. އެހެން ނަމަވެސް، އެ މަސައްކަތް މިދަނީ ކާމިޔާބު ނުވެ ކަމަށް ގުޓަރޭސް ވިދާޅުވިއެވެ.
ގްރީސް ހައުސް ގޭސް ބޭރުވުން މަދުނުކުރެވި، ދުނިޔެ ދަނީ ހޫނުވަމުން ކަމަށާއި، ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ، އަނބުރާ އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކާ ދިމާއަށް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އިންޒާރު ކުރައްވާފައި ވެއެވެ.
ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުން އަހުވެ، މުއާހަދާތައް ހަދާފައި ވެއެވެ. ޕްރިސް އެގްރީމެންޓަކީ އޭގެ މައި އެގްރީމެންޓެވެ.
އެއްބަސްވުންތަކުގައި، ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ގައުމުތަކުން އެއްބަސްވެފައި ވާއިރު، މިސްރުގައި ބާއްވާ ސަމިޓްގައި، މޫސުމީ ކާރިޘާތަކުން ޚައްސަކޮށް ފަގީރު ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމުގެ މަޝްވަރާތައް ކުރުމަށްވެސް އެޖެންޑާ ކޮށްފައި ވެއެވެ.
މިމައްސަލަ ކޮޕް ސަމިޓަށް އެޖެންޑާ ކުރީ ޕާކިސްތާނުން ފިއްތުންތައް ކުރިމަތިކޮށްގެންނެވެ. ޕާކިސްތާނަކީ، ތަރައްގީވަމުން އަންނަ ގައުމުތައް ހިމެނޭ ޖީ77 ކޯލިޝަންގެ ލީޑަރެވެ.
އދގެ ސެކްރެޓަރީ ޖެނެރަލްވަނީ، ފަގީރު ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމުގެ ރޯޑްމެޕަކަށް އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.