މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ލެޑް ބޯޑާއި ސައިން ބޯޑު ބަހައްޓަން ކައުންސިލުން ނިންމައިފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ ސެޕްގެ 3.8 ގައި ހިމެނިފައިވާ "މާލޭގެ އެކި ސަރަޙައްދުތަކުގައި ލެޑް ބިލްބޯޑް/ސައިން ބޯޑު ބެހެއްޓޭނެ ތަންތަން ކަނޑައަޅައި، ބަހައްޓައި ހިންގުމުގެ" ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމެއް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޑިޖިޓަލް ބިލްބޯޑް ނުވަތަ ސައިން ބޯޑު ބެހެއްޓޭނެ ތަންތަން ކަނޑައަޅައި، ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މާލެ ސިޓީ ކައުންސިލަށް ވީހާވެސް ޚަރަދު ކުޑަވާނެ ނިޒާމެއްގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ސައިންބޯޑް އަދި ލެޑް ބޯޑް ބަހައްޓާއިރު މީހުންނަށް އުނދަގޫ ނުވާ ގޮތަށް ބެހެއްޓޭ އެއްޗިއްސަށްވުމާއި ބޯޑުތަކުގެ ލައިޓާއި ސައުންޑް ބެލުމާއި ކޮމާޝަލީ އަމިއްލަ ފަރާތްތަކުން ބޭނުންކުރާ ލެޑް ބޯޑުތައް އުޞޫލެއްގެ ތެރެއިން ތަރުތީބުވެގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

އަދި މިކަމަށް އެކަށީގެންވާ ސަރަޙައްދުތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ފަންނީ ފަރާތްތަކުގެ އިރުޝާދާއި ލަފާގެ މަތިންނެވެ.

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ ދުނިޔޭގެ ތަހުޒީބު ޤައުމު ތަކެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައި މި ސައިން ބޯޑުތައް މެދުވެރިކޮށް ޓްރެފިކް ލައިވް އަޕްޑޭޓް ދެނެގަތުމާއި މަގު ބަންދާއި ބެހޭ ލައިވް އަޕްޑޭޓް ފަދަ ޚާއްސަ މެސެޖުތައް ދެވޭނެ ނިޒާމް ޓްރެފިކް ޕޮލިސް އަދި ކަމާއިގުޅޭ އެހެން ފަރާތްތަކާއި ގުޅިގެން ޤާއިމްކުރުމެވެ.