"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"ގެ ނަމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ.
ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދޭ ގޮތުގައި އެ މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ބާއްވާ "ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"މިމަހުގެ 18 އަދި 19 ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއީ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ މަގުސަދަކީ، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ. ހަމައެފަދައިން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހީން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމަކީ ވެސް މި އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އެކްސްޕޯގެ ތެރޭގައި، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކެއް ވެސް ބާއްވާނެ ކަމަށް ހަޔަރަ އެޑިއުކޭޝަނުން ބުނެއެވެ.
މި ޕެނަލް ޑިސްކަޝަންތަކުގެ ބޭނުމަކީ، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ގިނަ ފަރާތްތަކަކަށް އަންގައިދީ އެ ދާއިރާތަކުން މީހުން ބިނާކުރުމަށް މަގުފަހިކޮށް އެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމެވެ.
މި އެކްސްޕޯގައި، ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކާއި ކަމާގުޅުން ހުރި ބައެއް މިނިސްޓްރީތަކުން ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފަވާއިރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނާއި ސްކޮލަރޝިޕްތަކާއި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ މަޢުލޫމާތު ވެސް މިނިސްޓްރީގެ ފަރާތުން ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 30 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 18 އަދި 19 މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯއަކީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބާއްވާ ހަރަކާތެކެވެ.