ސްކޮޓްލޭންޑްގެ ސިޓީއެއް ކަމަށްވާ، ގްލާސްގޯގެ މަގެއްގައި ސްވޯނެއް ހުއްޓިގެން ހުރުމުން، އެސިޓީގެ މަގެއްގައި ޓްރެފިކް ތޮއްޖެހިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިކަން ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކެނަލްއަކުން ފިލައިގެން ގޮސް އުޅުނު މި ސްވޯން ވަނީ ގްލާސްގޯގެ މަގެއްގެ މެދުގައި ހުޓިގެން، އެމަގުން ބޭރަށް ދާން ދެކޮޅު ހަދާފައެވެ. އަދި މިކަމުގެ ސަބަބުން ގްލާސްގޯގެ މަގެއްގައި ޓްރެފިކް ތޮއްޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ގްލާސްގޯގެ ބައެއް ރައްޔިތުންނަށް މިއީ މަޖާކަމަކަށް ވީއިރު، އަނެއްބައި ރައްޔިތުން ވަނީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހަރުކަށި ދޫނި އެ މަގުން ބޭރަށްދާން ދެކޮޅުހަދާފައިވާއިރު، ފޮޓޯތަކުން ފެންނަގޮތުގައި އެ ދޫނި މަގުން އެއްފަރާތް ކުރުމަށް ބައެއް މީހުން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެދޫނި ބޮޑުކަމުން އެއާ ކައިރިވާން އެންމެންވެސް ޖެހިލުންވެފައި ތިބީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް މީހުން ވަނީ ޕާންފޮތިތައް ހިފައިގެން އެ އެދޫނި އެތަނުން ދުރުކުރުމަށް މަސައްކަތްކޮށްފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެދޫނި އެމަގުން އެއްފަރާތްކޮށްލީ، ފުލުހުންގެ އެހީތެރިކަން މިކަމުގައި ހޯދައިގެންނެވެ. ފުލުހުން ވަނީ، އެދޫންޏާ ކައިރިވުމަށް އެސަރަހައްދަށް ޕާންފޮތި އުކާފައެވެ. އަދި އެދޫނި އެކާން އުޅުނު ވަގުތު ފުލުހުން ވަނީ ރައްކާތެރިކަމާއެކު އެދޫނި އަތަށްލައިގެން މަގުން އެއްފަރާތްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިމަންޒަރު ބަލަންހުރި މީހެއްކަމަށްވާ، ޖޭމްސް ރޮބާޓްސް ބުނިގޮތުގައި އެދޫނީގެ ސަބަބުން ހަލަބޮލިކަން އުފެދުނު އިރުވެސް، އެދޫނީގެ ކިބައިން އެކަމަށް އެއްވެސް އަޅާލުމެއް ނެތެވެ.