ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ)ގެ އިސް ލިޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ތާއީދުނުކުރައްވާނެކަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭން ތާއީދު ނުކުރައްވާނެކަން ވަރަށް ސާފުކޮށް ރައީސް ނަޝީދު ވިދާޅުވީ އަންގާރަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަހަރު ރައީސް ޞާލިޙަށް ތާއީދުކުރެވޭކަށް ނެތް ކަމަށެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝައުގުވެރިކަން ނެތް ކަމަށާއި ހުންނަވާނީ ރައީސް ޞާލިޙާއި އެކުގައި ކަން ހާމަކުރެއްވުމުން ދެއްވި ރައްދުގައެވެ. ރައީސް ނަޝީދު އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައީސް ޞާލިޙް ވަނީ ދެ ވަނަ ދައުރެއް އެމްޑިޕީއަށް ކާމިޔާބުކޮށްދޭން އެމަނިކުފާނު ތައްޔާރަށް ހުންނެވިކަން މީގެކުރިން ހާމަކުރައްވާފައެވެ.

ރައީސް އެކަން ހާމަކުރެއްވި އިރު، ޓީވީ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

2023ގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ރައީސުލްޖުމްހޫރިއްޔާ އަދި ރަސްމީކޮށް ގޮތެއް ނުނިންމެވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ވަނީ ރިޔާސީ ރޭހަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނުކުންނަވާނެކަން ހާމަކޮށްފައެވެ.

އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ، 2023ގެ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަމަށް ބުނެފައެވެ