- މިފަހަރު މިނުކުތީ މުޖުރިމުންގެ ސަރުކާރު ބޭރުކުރަން: މަހާތީރު
މެލޭޝިޔާގައި މިހާރުއޮތް "މުޖުރިމުންގެ" ސަރުކާރު ބޭރުކުރަން ފަހު ފުރުސަތުގެ ބޭނުން ހިއްޕަވަން ވަރަށް ރަނގަޅަށް ތައްޔާރަށް ހުންނެވިކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދު ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން މިހާރު 97 އަހަރުގެ މަހާތީރު މުހަންމަދު މިހެން ވިދާޅުވީ، މިމަހު 19 ވަނަ މެލޭޝިޔާގައި ބާއްވާ އާންމު އިންތިޚާބުގެ ކެމްޕެއިންގައެވެ.
އިންތިޚާބަށް މަހާތީރު މުހަންމަދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ، އިދިކޮޅު ކޯލިޝަނެއް ހައްދަވައިގެންނެވެ. އިންތިޚާބަށް އިދިކޮޅު އެހެން ކޯލިޝަންތައްވެސް ނުކުމެފައި ވެއެވެ.
ހުރިހާ އިދިކޮޅު ކޯލިޝަންތަކުގެވެސް އަމާޒަކީ މިހާރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބާއި އޭނާގެ ބަރިސަން ނޭޝަނަލް ޕާޓީ ވެރިކަމުން ދުރުކުރުމެވެ.
ދެ ފަހަރެއްގެމަތިން 20 އަހަރަށްވުރެ ގިނަ ދުވަހު މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ޑރ. މަހާތީރު މުހަންމަދު ވިދާޅުވީ، ބަރިސަން ނޭޝަނަލް ޕާޓީ ވެރިކަމުން ދުރުކުރުމަށްޓަކައި، އޭނާގެ ޒަމާންވީ ވާދަވެރިޔާ އަންވަރު އިބްރާހިމްއާ ގުޅެންޖެހުނު ނަމަވެސް އެކަން ކުރައްވާނޭ ކަމަށެވެ.
2018 ވަނަ އަހަރުވެސް، އޭރު ވެރިކަމުގައިއޮތް ބަރިސާން ބަލިކުރުމަށްޓަކައި މަހާތީރު މުހަންމަދު އިންތިޚާބަށް ނުކުމެވަޑައި ގެންނެވީ އަންވަރު އިބްރާހިމްއާ ކޯލިޝަން ހައްދަވައިގެންނެވެ.
އެފަހަރުގެ އިންތިޚާބު ކާމިޔާބުކޮށް މަހާތީރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައި ގެންނެވީ ވެރިކަމުގެ މެދުތެރެއިން ބޮޑުވަޒީރުކަން އަންވަރު އިބްރާހިމްއާ ހަވާލުކުރެއްވުމަށް ވައުދުވެވަޑައި ގެންފައެވެ. އެހެންނަމަވެސް، ކޯލިޝަންތެރޭގައި އަރާރުންތައް ބޮޑުވެ 22 މަސްފަހުން ސަރުކާރުވަނީ ވެއްޓިފައެވެ.
މަހާތީރުގެ ސަރުކާރު ވެއްޓުމުން، ބަރިސަން ޕާޓީ އަލުން ވެރިކަމަށް އައީ، އޭރު އިދިކޮޅުގައި އޮތް އުމްނޯ ޕާޓީއާ ކޯލިޝަން ހަދައިގެންނެވެ.
މިފަހަރުގެ އިންތިޚާބަކީ، ޑރ. މަހާތީރު އިންތިޚާބެއްގައި ވާދަކުރައްވާނެ އެންމެ ފަހު ފަހަރުކަމުގެ އިޝާރާތެއްވަނީ ދެއްވާފައެވެ.
މަހާތީރު ވިދާޅުވީ، އޭނާ ބޭނުންފުޅުވަނީ، މެލޭޝިޔާ ހަލާކުކޮށް ސުންނާފަތި ކުރަމުންދާ މުޖުރިމުންގެ ކިބައިން މެލޭޝިޔާ ސަލާމަތް ކުރުމަށް ކަމަށެވެ.
މިހާރު ވެރިކަންކުރާ ކޯލިޝަންގައިއޮތް އުމްނޯ ޕާޓީގެ އެތައް ވެރިންނަކާ ދެކޮޅަށް ޚިޔާނާތުގެ ދައުވާތައް އުފުލި ޝަރީއަތްވެސް ހިނގަމުންދާއިރު، އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުވެސް ހިމެނިވަޑައި ގަންނަވައެވެ. ނަޖީބުގެ މައްޗަށް މިހާރުވެސް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މެލޭޝިޔާގެ އަޢުލަބިއްޔަތު އޮންނަ މުސްލިމް މެލޭ ދަރިކޮޅަށް ނިސްބަތްވާ ގިނަ ކޯލިޝަންތައް އިންތިޚާބުގައި ވާދަކުރާތީ، ވޯޓުތައް ބެހިގެންދާނީ ހަމަހަމަކޮށް ކަމަށް ބެލެވިފައި ވެއެވެ. ޗައިނާ ދަރިކޮޅާއި، އިންޑިއާ ދަރިކޮޅުގެ މީހުންވެސް ވޯޓުގައި މުހިންމެވެ.
ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި، އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ނުވަތަ ކޯލިޝަނަށް ޕާލަމެންޓުގެ އަޣުލަބިއްޔަތެއް ނުނެގޭނެއެވެ.
ޑރ. މަހާތީރު މުހަންމަދު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ކުރެވިފައިވާ ވެރިން ހިމެނޭ އުމްނޯ ޕާޓީއާ ގުޅިވަޑައި ނުގަންނަވާނެ ކަމަށެވެ.