އެމެރިކާގެ މިޑްޓާރމް އިންތިޚާބުގެ ވޯޓު ގުނައި ނިމުމަކަށް ގޮސްފައިވާއިރު، އެއްވެސް ޕާޓީއަކަށް ސެނޭޓް އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތުވެސް އަދި ލިބިފައެއް ނުވެއެވެ.

މިޑްޓާރމް އިންތިޚާބުގައި ވޯޓްލާފައިވަނީ، ސެނޭޓުގެ އިތުރުން، ހައުސްއާއި އަދި ގަވަރުނަރުން އިންތިޚާބު ކުރުމަށެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނޭޓުގައި ހިމެނެނީ 100 ގޮނޑި ކަމަށްވާއިރު، މިހާތަނަށް ވޯޓު ގުނި ގޮނޑިތަކުގެ ތެރެއިން މިހާރު ވެރިކަމުގައިއޮތް ޑިމޮކްރަޓިކް ޕާޓީއަށް 48 ގޮނޑި ލިބިފައި ވާއިރު، އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ލިބިފައިވަނީ 47 ގޮނޑިއެވެ. ސެނޭޓުގެ އަޣުލަބިއްޔަތު ހޯދުމަށް 51 ގޮނޑި ބޭނުންވާނެއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު ނަގަން 218 ގޮނޑި ކާމިޔާބުކުރަން ޖެހޭއިރު، މިހާތަނަށް ސާފުވި ނަތީޖާތަކުން ޑިމޮކްރޭޓުންނަށް 172 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު، އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް 200 ގޮނޑި ކަށަވަރުވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

އިންތިޚާބުގައި އާދަޔާ ޚިލާފް ނަތީޖާތައްވެސް ނުކުމެފައި ވެއެވެ. އެގޮތުން، ޕެންސިލްވޭނިއާގެ ގޮނޑިއަށް ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް ބަލިކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވީ ޑިމޮކްރޭޓް ޖޯން ފެޓަރމަންއެވެ.

ފްލޮރިޑާގެ ގަވަރްނަރްކަން ރިޕަބްލިކަން މެމްބަރު ރޮން ޑިސެންޓިސް ދިފާއުކުރެއްވިއިރު، ރިޕަބްލިކަން ސެނެޓަރ މާރކޯ ރޫބިއޯވެސްވަނީ ގޮނޑި ދިފާއު ކުރައްވާފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި ވައިޓްހައުސްގެ ތަރުޖަމާނަކަށް ހުންނެވި ސާރާ ސޭންޑާރސްވަނީ، އާކަންސަސް ސްޓޭޓުގެ ގަވަރްނަރުކަން ކާމިޔާބު ކުރައްވާފައެވެ.

ސެނޭޓުގެ އަޣުލަބިއްޔަތު އެނބުރޭގެ ކޮޅެއް ނޭނގޭތީ އެންމެންގެ ލޯތައްވެސް މިހާރު އަމާޒުވެފައިވަނީ، އެރިޒޯނާ ޖޯޖިއާ އަދި ނެވާޑާގެ ނަތީޖާއަށެވެ. މިތިން ސްޓޭޓުގެ ނަތީޖާ ސާފުވުމުން، ސެނޭޓުގެ ގިނަ ގޮނޑި ލިބޭނެ ޕާޓީއެއް އެނގޭނެއެވެ.

ރައީސް ޖޯ ބައިޑެން، ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރައްވަނީ:

އެނަލިސްޓުން ބުނަނީ، އެމެރިކާގެ ރައީސްކަމުގެ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާދަކުރައްވައިފިނަމަ ވާނެގޮތް، މިފަހަރުގެ އިންތިޚާބުތަކުގެ ނަތީޖާއިން ލަފާކުރެވިދާނެ ކަމަށެވެ.

2024 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ ކަމުގެ އިޝާރަތެއް ޓްރަމްޕް ދެއްވާފައި ވެއެވެ. ޓްރަމްޕްވަނީ، އެކަމަށް ތައްޔާރުވުމަށް އޭނާގެ ސަޕޯޓަރުންނަށް މިދިޔަ ހަފްތާގައި ގޮވާލައްވާފައެވެ.

އެމެރިކާގެ ބައެއް މީޑިއާ ވިއުގަތަކުން ބުނެފައިވަނީ، ޓްރަމްޕް ރާވަމުން ގެންދަވަނީ، މިޑްޓާރމް އިންތިޚާބަށްފަހު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރަސްމީގޮތުން އިއުލާން ކުރެއްވުމަށް ކަމަށެވެ. ނޮވެމްބަރު 14 ކުރިން އެފަދަ އިއުލާނެއް ޓްރަމްޕް ކުރައްވަފާނެ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

އެހެން ނަމަވެސް، އިންތިޚާބުގައި މައި ދެ ޕާޓީއަށްވެސް ދާދި ހަމަހަމަ ނަތީޖާއެއް ލިބިފައިވާއިރު، ޓްރަމްޕަށް ސަޕޯޓް އޮވެދާނެ މިންވަރަމެދު އެނަލިސްޓުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.