މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުދިނުމަށް ދިނުމަށް މިރޭ ބާއްވަން ހަމަޖެއްސި ޖުމުހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ ފަސްކުރައްވަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން މިރޭ ބާއްވަން ހަމަޖެހިފައިއޮތް ޖުމުހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ މާދަމާރެއަށް ފަސްކުރެވިފައިވާ ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާ ވަނީ ރޭ ހިނގި އަލިފާނުގެ ޙާދިސާއަކީ ހިތާމަވެރި ހާދިސާއެއްކަމަށް ސިފަކުރައްވާ މި ހާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މި ހާދިސާ ހިނގައިދިޔަގޮތް ނުހަނު ގާތުން ބައްލަވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ރައީސްވަނީ ދެއްވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ދެއްވާނެއެވެ.
މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޚާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީންނެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.