މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސް މިފަދައިން ޔަގީންކަން ދެއްވީ މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވަނީ މިހާދިސާއާ ގުޅިގެން އެފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސްއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަޙުޤީޤު ކުރެއްވުމަށާއި މި ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި، ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންނާއި މިހާދިސާއާ ގުޅިގެން ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

އަދި މީގެއިތުރުން ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށްގެންދިއުމަށާއި މާލޭގައި ހުރި ވޯކްޝޮޕް ގަރާޖުފަދަ ތަންތަން އަވަސްގޮތެއްގައި އެހެންތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސް ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ބައެއްގެ ފުރާނަ ގެއްލިފައިވެއެވެ. މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.