އިންޑޮނޭޝިޔާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި އަންނަ ހަފްތާގައި ބާއްވާ ޖީ20 ސަމިޓްގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

އިންޑޮނޭޝިޔާގައި ހުންނަ ރަޝިޔާ އެމްބަސީން ބުނީ، ބާލީ ސަމިޓަށް ދާ ރަޝިޔާގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ކަމަށެވެ. އެހެން ނަމަވެސް، ސަމިޓްގައި ވާޗްއަލްކޮށް ޕޫޓިން ބައިވެރިވެވަޑައިގަތުމަށް ތާވަލްތައް ރޭވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށް ބުނެފައި ވެއެވެ.

ރަޝިޔާގެ ރައީސް ޕޫޓިންއަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށް ވިދާޅުވެފައިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން ބާލީ ސަމިޓްގައި ބައިވެރިވެވަޑައި ގަންނަވައެވެ. ބައިޑެން މީގެކުރިން ވިދާޅުވެފައިވަނީ، ޕޫޓިން ބާލީ ސަމިޓަށް ވަޑައިގެންނެވި ނަމަވެސް، އޭނާއާ ބައްދަލުކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ރަޝިޔާގެ ރައީސަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށް އެމެރިކާގެ ރައީސް ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ.

ޔޫކްރެއިންގެ ބައެއް ރަށްތައް ހިފައި އަދި ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތަކުގައި ރަޝިޔާ ސިފައިން ބަލިވަމުންދާއިރު، މިމަހު 15 ގައި ބާލީގައި ފަށާ ދެދުވަހުގެ ސަމިޓްގައި ހުޅަނގުގެ ކުށްވެރިކުރުންތަކާ ކުރިމަތިލާން ޖެހިދާނެތީ އެކަން ހުއްޓުވޭތޯ ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބައެއް މަސްދަރުތަކުން ބުނަނީ، ރަޝިޔާގެ ރައީސް ޕޫޓިން، ބާލީ ސަމިޓްގައި ވާޗުއަލްކޮށް ބައިވެރިވުމާމެދުވެސް ޝައްކު ކަމަށެވެ.

ޖީ20 ސަމިޓް އިންތިޒާމުކުރާ އިންޑޮނޭޝިޔާއިން މަސައްކަތް ކުރަމުންގެންދަނީ، ސަމިޓްގައި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅުމަށެވެ.

ސަމިޓަށް ރަޝިޔާއަށް ދައުވަތު ނުދިނުމަށް ހުޅަނގުގެ ގައުމުތަކުން ގޮވާލި ނަމަވެސް އިންޑޮނޭޝިޔާއިން އެކަމަށް އިޖާބައެއް ނުދިނެވެ.

ޖީ20 ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށް އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް އޮގަސްޓްމަހު ދެއްވި ދައުވަތު ޕޫޓިން ގަބޫލުފުޅުވެސް ކުރެއްވިއެވެ.

އިންޑޮނޭޝިޔާއިން ރަޝިޔާގެ ރައީސަށްވެސް ސަމިޓަށް ދައުވަތު ދީފައި ވާއިރު، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށް ހަމަޖެހިފައިވަނީ ވާޗުއަލްކޮށެވެ. ޒެލެންސްކީވަނީ، ޕޫޓިން ބައިވެރިވެވަޑައި ގަންނަވާނަމަ ސަމިޓް ބޮއިކޮޓް ކުރައްވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.

އެކަމަކު، ޔޫކްރެއިންއަކީ ޖީ20 ގެ މެމްބަރު ގައުމެއް ނޫނެވެ. ޔޫކްރެއިން ސަމިޓްގައި ބައިވެރިވަނީ އޮބްޒާވަރެއްގެ ގޮތުގައެވެ.