ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙްތަކަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަޤާމް ހުސްވެއްޖެނަމަ، އެ މަޤާމު ހުސްވާތާ ލަސްވެގެން 1 އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ޖެހުމާއި، އެ ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަޤާމަށް، އަލުން މެމްބަރަކު އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމެވެ.

އެހެން ނަމަވެސް، ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އިންތިޚާބު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއްނަމަ، ހުސްވި މަޤާމަށް، އަލުން މެންބަރަކު އިންތިޚާބު ކުރުން ލާޒިމުނޫންކަމަށް ކަނޑައަޅައި، ބައި-އިލެކްޝަނަކުން އިންތިޚާބު ކުރާ މެންބަރުގެ މަޤާމުގެ މުއްދަތަކީ، ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތުކަމުގައިވެސް ޤާނޫނަށް ގެނައި އިޞްލާޙްތަކުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަޞްދީޤް ކުރެއްވުމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 10 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.