ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައި.ޔޫ.ޔޫ.) ގެ ރައީސް، ޕްރޮފެސަރ ޑރ މުޙައްމަދު ޚައިރް އަލް-ގަބާނީއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި، އެ ޔޫނިއަންގެ އިސް، އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސާއި އެބޭފުޅާއާއެކު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އައި.ޔޫ.ޔޫ. ގެ ރައީސް ޕްރޮފެސަރ އަލް-ގަބާނީ ވަނީ، އެޔޫނިއަންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެޔޫނިއަނުން ބާއްވާފައިވާ ކޮންފަރެންސް ތަކާއި ސެމިނާރތަކުގެ މަޢުލޫމާތު ހިމެނޭ ލުއިފޮތަކާއި، ޢުޘްމާނީ ޚިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައެވެ. އަދި އެޔޫނިއަންގެ ފަރާތުން ޚާއްސަ ހަނދާނީ ފިލައެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.

މިބައްދަލުވުމުގައި، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް ވަނީ އެޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މިނޮވެންބަރު މަހުގެ 24 އިން 27އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 9 ވަނަ "އޯ.އައި.ސީ. ހަލާލް އެކްސްޕޯ" ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދަޢުވަތު އަރުއްވާފައެވެ.

އަދި އަންނަ އަހަރު މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން މިބައްދަލުވުމުގައި އައި.ޔޫ.ޔޫ. އިން ވަނީ ފާޅުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ޞިއްޙީ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މި އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެކަމަށް އައި.ޔޫ.ޔޫ. އިން މަޢުލޫމާތު ދެއެވެ.