މިއަދަކީ މިއަހަރުގެ ޖުމްހޫރީ ދުވަހެވެ.

ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތް އައްސުލްޠާން މުޙަންމަދު ފަރީދުގެ ރަސްކަން ނިމުމަކަށް ގެނެސް، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވި، 11 ނޮވެމްބަރު 1968ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހީމް ނާޞިރު އިންތިޚާބު ކުރުމާއި ގުޅުވާފައެވެ.
ޖުމްހޫރީ ވެރިކަމަކީ ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެވެ. މިފަދަ ވެރިކަމުގެ ނިޒާމެއްގައި، ވެރިކަން ބިނާވެގެންދާނީ، ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން، ޢާއްމު ރައްޔިތުންގެ ގިނަ ބަޔަކު އެދޭގޮތަށެވެ. މިގޮތުން ރައްޔިތުން ޢަމަލުކުރަންޖެހޭ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތައް އެކަށައަޅަނީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނެވެ. އެގޮތުން ޖުމްހޫރީ ވެރިކަމެއްގެ ވެރިންކަމުގައި ރައްޔިތުން ވެގެންދަނީ، ހުރިހާ ނިންމުމެއްގައި ވެސް ސިއްކަޖެހިގެން ދަނީ ރައްޔިތުންގެ އަޣުލަބިއްޔަތުން ކަމަށްވާތީއެވެ. މިނިޒާމުގައި ރައްޔިތުންގެ ކޮންމެ ފަރުދަކަށް ޝަޙްޞީ ޙައްޤުތަކަކާއި، ޒާތީ މިނިވަންކަމެއް ލިބުމުގެ ނަތީޖާއަކީ އެކެއްގެ ޙައްޤަށް އަނެކަކު އަރައިނުގަނެވޭފަދަ ވާޖިބުތަކާއި ޤަވާއިދުތަކެއް އެކަށައެޅިގެން ދިއުމެވެ.

ތާރިޚަަށް ނަޒަރު ހިންގާލާއިރު، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުންއައި ރަސްކަމުން ޖުމްހޫރިއްޔަތަކަށް ފުރަތަމަ ފަހަރަށް ވެރިކަމުގެ ނިޒާމު ބަދަލުވެގެންދިޔައީ 1 ޖެނުއަރީ 1953ގައެވެ. ދިވެހިން ފުރަތަމަ ޖުމްހޫރިއްޔާ ގެނައީ ނުހަނު ފޮނި އުއްމީދާ އެކުގައެވެ. ތަރައްޤީއާއި ތަހުޒީބަށް އެދިގެންނެވެ. އެކުލަވަރުތައް ފެންނާނެ ކަމަށް ދެކިގެންނެވެ. އެހެން ނަމަވެސް އެންމެ، 7 މަހާ 21 ދުވަހުގެ ކުރު މުއްދަތަކަށް ފަހު، ފުރަތަމަ ޖުމްހޫރިއްޔާ އުވާލައި އަނެއްކާ ވެސް ރަސްކަމަށް ރުޖޫއަވިއެވެ.

މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. އެކި ފަހަރު އެކި ގޮތަށް އިވެމުން ދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެ މަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ. އެކަމަކު ދެންވެސް ތަޚުތު ހުރީ ފަޅަށެވެ. ނަމަވެސް ގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން އެރުވިއެވެ. އެއީ މީލާދީ ސަނަތުން 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެ މަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނު ހިސާބަކީ މިއީއެވެ، ސަބަބަކީ ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ހިތްޕުޅާ ނުވުމެވެ. ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ކަންކަން ހުރިގޮތުންނެވެ. މިހިސާބުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ފެށިއްޖެއެވެ. މިގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު ނިންމެވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށެވެ. މިގޮތުގެ މަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން ފެށުނީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރީ ދެމިއޮތީ ކުރު މުއްދަތަކަށެވެ. އަނެއްކާވެސް ރަސްކަމަކަށް ރުޖޫއަވެއްޖެއެވެ.

މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލްއެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެދުވަހަށް ފަހު މިއަދާ ހަމައަށް ވެސް ރާއްޖޭގައި މިއޮތީ ޖުމްހޫރީ ވެރިކަމެވެ.

ދެވަނަ ޖުމްހޫރިއްޔަތުގައި ރާއްޖޭގެ ރައީސްގެ މަގާމުގައި 6 ބޭފުޅަކު ހުންނެވިއެވެ. އެއީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު އާއި، ދިގު 30 އަހަރު ވެރިކަނ ކުރެއްވި އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން، ތިން އަހަރާއި ދެމަހާއި ދުވަސްކޮޅަކު ވެރިކަން ކުރެއްވި މުހަންމަދު ނަޝިީދުގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް އަބްދުﷲ ޔާމީން އާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެވެ.

މިއަދު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތަށް މިވަނީ 54 ފުރިފައެވެ.