މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވަނީ އެތައް އަހަރުތަކަކުން އުފެދިފައިވާ ތޮއްޖެހުމާއި މާލޭގެ ދިރިއުޅުމުގެ ދަތިކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގަ ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބުދަ ދުވަހުގެ ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
އަދި ރައީސް ވަނީ މި ހާދިސާއަކީ އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލުނު ހާދިސާކަންވެސް ފާހަގަކުރައްވާފައެވެ.
މި ހާދިސާއާ ގުޅޭ ހުރިހާ ކަމެއްގައި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއްދޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަނީ އެތައް އަހަރުތަކަކުން އުފެދިފައިވާ ތޮއްޖެހުމާއި މާލޭގެ ދިރިއުޅުމުގެ ދަތިކަމުން ކަމަށެވެ.
މިކަހަލަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށް ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ މާލެ ތޮއްޖެހިފައި އޮތްއޮތުން ކަމަށާއި، އަދި މާލޭގައި އިމާރާތްކުރާއިރު ބިލްޑިން ކޯޑް ހަރުދަނާކޮށް، އެކިކަހަލަ މަސައްކަތްތައް އެކި ތަންތަނުގައި ކުރެވޭނެ ފަދަ ގޮތަކަށް ކަންކަން ބަދަލުކުރަންޖެހޭ ކަމަށެވެ.
މިއީ މާލެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކަމަށާއި، މިކަންކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ މަަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.