ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެހެންނަމަވެސް މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިޤްޠިޞޯދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުކުރު ދުވަހުގެ ރޭ އޮތް ޖަލްސާގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތައް ކުރިޔަށްގެންދިއުމާއި އެދާއިރާއިން ޙާޞިލުކުރެވިފައިވާ ބައެއް ކުރިއެރުންތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދެވިފައިވާކަމާއި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ކުޑަކުރެވި މި ނިޒާމް ޑިޖިޓަލައިޒް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާއިތުވި ހަތަރު އަހަރުގެ ބައެއް ކުރިއެރުންތައް ފާހަގަކުރައްވަމުން ރައީސް ވަނީ ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައަޅާފައިވުމާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލު ފާހަގަކުރައްވާފައެވެ. އަދި ހަމަ މި ހެޔޮ ބަދަލު އަންނަ އަހަރު ޞިއްޙީ ދާއިރާއަށް ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިޖްތިމާޢީ ހަމަހަމަ ކަމަށްޓަކާ، ފާއިތުވި އަހަރުތަކުގައި ސަރުކާރުން ހިންގި ފެނާ ނަރުދަމާއާއި ރަށް ރަށުގެ ލަފާ ފުރުމުގެ ދަތިކަމަށް، ޙައްލު ހޯދައިދިނުމުގެ މަޝްރޫޢުތައްފަދަ އަސާސީ ޚިދުމަތުގެ ބޮޑު މަޝްރޫޢުތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ފަހުގެ މަޢޫލޫމާތުތައް ވެސް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޫންމަހު ހުޅުވާލި ފުރުޞަތުގާ ޖުމްލަ 35861 އެޕްލިކޭޝަން ލިބިފައިވާކަމަށާއި އެ އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ދައުރުގެ މިހާތަނަށް ސަރުކާރުން ކުރި ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޒުވާނުންނަށް ހިންގޭ ހުނަރު ޕްރޮގްރާމާއި، ހިލޭ ޑިގްރީ ޕްރޮގްރާމުގެ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފާއިތުވި ހަތަރު އަހަރު މުޅިން އަލަށް 15547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށް ދީފައިވެއެވެ.