އޮފީސް ނުވަތ އެހެނިހެން ބޭނުމަށްވެސް ބޭނުންކުރާ އެކި ކާޑުތައް ކަރުގައި އެޅުވުމަށް ބޭނުންކުރާ ވާކޮޅު، ނުވަތަ ލެންޔާޑު ކަރުގައި އަޅުވައިގެން ދުނިޔޭގެ ރެކޯޑު ފޮތުން މީހަކު ޖާގަ ހޯދައިފިއެވެ.
މި ރެކޯޑު ހަދާފައިވަނީ އެމެރިކާގެ އިލަނޯއި އަށް ނިސްބަތްވާ ސަލަކްނިބް "ސޮނީ" މޮލީނާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ކަރުގައި ޖުމްލަ 509 ލެންޔާޑް އަޅުވާފައެވެ.
ސޮނީ އަކީ 20 އަހަރު ދުވަހު ސާޖިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ސޮނީ މި ރެކޯޑު ހަދާފައިވަނީ، އޭނާ މަސައްކަތް ކުރާ ސިއްހީ ދާއިރާއަށް ޓްރިބިއުޓެއް ދިނުމުގެ މަގްސަދުގައެވެ.
އަދި މި ރެކޯޑުގެ އެހީގައި ނޮން ޕްރޮފިޓް ގުރޫޕެއް ކަމުގައިވާ ސޯލްސް ފޯ ސޯލްސް އަށް ޗެރިޓީގެ ގޮތުގައި ދޭނެ ފައިސާވެސް ހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ސޮނީ އަކީ މީގެއިތުރުންވެސް އެހެން ބައެއް ރެކޯޑުތައް ހަދައިގެން ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކުޅަދާނަ މީހެކެވެ.
އެގޮތުން އޭނާ ވަނީ އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަލްޓްރާ މެރަތަން ނިންމި ފިރިހެން މީހާގެ ރެކޯޑާއި، ހުސްފައިގައި ލެގޯ ބްރިކްސްތަކެއްގެ މަތިން އެންމެ ދުރު ރާސްތާއަކަސް ހިނގި މީހާގެ ރެކޯޑުގެ އިތުރުން ލޮނާއި އަސޭމިރުސް އަޅަން ގެންގުޅޭ ސެޗެޓްސް އެންމެ ގިނައިން އެއްކުރި މީހާގެ ރެކޯޑުވެސް ސޮނީ ވަނީ ގާއިމްކޮށްފައެވެ.