އިންޑިއާގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އދގެ މެމްބަރު ގައުމުތަކުން އިންޑިއާއަށް ގޮވާލައިފިއެވެ.

އދގެ މެމްބަރު ގައުމުތަކުން މިކަމަށް ގޮވާލީ، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު – ޔޫޕީއާރް ޖަލްސާގައެވެ.

އެގޮތުން، ޖިންސީ ފުރައްސާރަކުރުންތަކައި، ދީނީ ތަފާތުކުރުންތަކާއި އަދި ޚާއްސަކޮށް ވެރިރަށް ނިއުދިއްލީގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މެމްބަރު ގައުމުތަކުން އިންޑިއާ ސަރުކާރަށް ގޮވާލާފައި ވެއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި، ޔުނިވރސަލް ޕީރިއޮޑިކް ރިވިއު ޖަލްސާ ޖަލްސާތައް ބާއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރުއެވެ.

މިއީ، އދގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑް ބަލައި ވަޒަންކޮށް، އިންސާނީ ހައްގުތަކުގެ ހާލަތު ދިރާސާކުރުމަށް ބާއްވާ ޖަލްސާއެކެވެ. މިޖަލްގާއި، މެމްބަރު ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން ސުވާލުކޮށް ރެކޮމެންޑޭޝަންތައް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ގައުމަކަށްވެސް ލިބިދެއެވެ.

އިންޑިއާއާ ގުޅޭ ރިވިއު ޖަލްސާގައި މެމްބަރު ގައުމުތަކުންވަނީ، ޓެރަރިޒަމް މަނާކުރާ ގާނޫނުތަކުގެ ދަށުން ވެރިރަށް ނިއުދިއްލީގައި ހިންގާ އިންސާނިއްޔަތާ ޚިލާފް ހަރަކާތްތައް މަދުކުރުމަށް ގޮވާލާފައެވެ.

އިންޑިއާގައި ތައާރަފްކުރި "އަންލޯފުލް އެކްޓިވިޓީސް އެކްޓް" ގެ މައްސަލާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެގެންދިޔައެވެ. އެތައް ބައެއްގެ ކުށްވެރިކުރުންތައް އަމާޒުވިއެވެ.

އެއީ، ބައިމަދު ދަރިކޮޅުތަކުގެ މީހުންނަށާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާ ދެކޮޅަށް އެ ގާނޫނު ބޭނުންކުރާ މައްސަލާގައެވެ. މި ގާނޫނުގެ ދަށުން، އެފަދަ މީހުންނަށް އަދުލުވެރި ޝަރީއަތެއްވެސް ލިބުނަކަ ނުދެއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި އިންނަވާ އެމެރިކާގެ އެމްބަސެޑަރ މިޝެލް ޓެއިލަރ ވިދާޅުވީ، ގާނޫނުތަކުން ރައްކާތެރިކަމާއި ހިމާޔަތް ލިބިދިން ނަމަވެސް، ތަފާތުކުރުންތަކާއި، ވަކި ދީނަކަށް އަދި ވަކި ޖިންސަކަށްވީތީ އެފަދަ މީހުންނާ ދެކޮޅަށް ހަމަޖެހުން އިންޑިއާގައި މަދުނުވާ ކަމަށެވެ.

އިންޑިއާއިން ތައާރަފް ކޮށްފައިވާ ގާނޫނުގެ ދަށުން، އިންސާނީ ހައްގުތައް ޑިފެންޑްކުރާ މީހުންނާއި، އެކްޓިވިސްޓުން ހައްޔަރުކޮށް އެތައް ދުވަހެއް ވަންދެން ބަންދުކޮށްގެން ގެންގުޅުމުގެ ފުރުސަތު ފަހިވާ ކަމަށެވެ.

2017 ވަނަ އަހަރު ބޭއްވި ޔުނިވރސަލް ޕީރިއޮޑިކް ރިވިއު ޖަލްސާގައި ރެކޮމެންޑްކުރި ބައެއް ކަންކަމަށް އިންޑިއާއިން އިސްލާހްތައް ގެނެސްފައިވާކަން ގިނަ ގައުމުތަކުން ފާހަގަކުރިއެވެ.

އެހެން ނަމަވެސް، ބައެއް ގައުމުތަކުންވަނީ، މިހާރުވެސް ނުހުއްޓި ކުރިއަށްދާ ނާޒުކު އެތައް މައްސަލަތަކެއްގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކެނެޑާއިންވަނީ، ޖިންސީ ފުރައްސާރަ ކުރުންތައް ތަހްގީގުކޮށް ފިޔަވަޅު އެޅުމަށާއި، މުސްލިމުން ހިމެނޭގޮތުން، ބައިމަދު ދީންތަކާ ދެކޮޅަށް ހިންގާ ހަމަޖެހުންތައްވެސް ތަހްގީގު ކުރުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ. ޖަރުމަނުންވަނީ، އިންޑިއާގައި އެކަހެރިކޮށް ބާކީ ކޮށްލާފައިވާ ގްރޫޕަތާމެދު އުފެދިފައިވާ ކަންބޮޑުވުންތައް އަދިވެސް އެބައޮތް ކަމަށެވެ.

އެކަމަކު، އިންޑިއާ ސަރުކާރުންވަނީ، އެގައުމާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް ގައުމު ދިފާއުކޮށްފައެވެ. އިންޑިއާގެ ސޮލިސިޓަރ ޖެނެރަލް ތުޝާރް މެހެތާ ޖަލްސާގައި ވިދާޅުވީ، އަނިޔާކުރުމާއި، ރޭޕްކުރުމާއި، ޖިންސީ ފުރައްސާރައަކީ އިންޑިއާއިންވެސް ކުށްވެރިކުރާ ކަންކަން ކަމަށެވެ.