ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ"އަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.

މި ސެންޓަރު ހުޅުވާފައި ވަނީ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުންނެވެ.

ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ ހުޅުވާފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގްސަދުގައެވެ.

"ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" ޤާއިމްކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައެވެ. މި ސެންޓަރަކީ ޢުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ. ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރެޖިސްޓަރކޮށްފައެވެ.

މި ސެންޓަރުގައި ޚިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ޚާއްޞަ ތަމްރީންތައް ލިބިފައިވާ ޤާބިލް ފަރާތްތަކެކެވެ. އަދި، މި ސެންޓަރ ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާޙައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މި ސިޔާސަތުތަކުގެ ދަށުން ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ފަހިކޮށްދެއްވާފައެވެ.