"މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރުކުރީ އަބްދުلله ޝާހިދުގެ ގެއިން" ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ، ކަނޑައެޅިގެން ޙަޤީގަތާއި ޚިލާފް ދޮގު މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚަބަރެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

އެ ޚަބަރު ލިޔެފައިވަނީ "ދިޔަރެސް" ނޫހުގައެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ، މިއީ ދިވެހި ރައްޔިތުންނަށް ސީދާ އޮޅުވާލުމުގެ މަޤްސަދުގައި އަދި މިނިސްޓަރ ޝާހިދު ބަދުނާމުކޮށް، މިނިސްޓަރުގެ އަބުރު ކަތިލުމުގެ ނިޔަތުގައި ، "ދިޔަރެސް" ނޫހުގައި ޝާއިޢުކޮށްފައިވާ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރެއް ކަމަށެވެ.

އަދި ކަން ހިނގާފައިވާގޮތަށް ބަލާއިރު އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ދީފައިވާ ސައްޙަ މައުލޫމާތުން އެނގޭގޮތުގައި، މިއީ މިނިސްޓަރ ޝާހިދުއާ އެއްވެސް މިންވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމާއި އަދި އެކަން ހިނގައިފައިވަނީ މިނިސްޓަރ ޝާހިދުއާ އެއްވެސް ވަރަކަށް ގުޅުންހުރި އިމާރާތެއްގައި ނޫންކަން ވަރަށް ސާފުކޮށް އެނގުނު ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެންވެ، އެ ޚަބަރަކީ ހަގީގަތާ ޚިލާފް ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއްކަން ނޫހުގެ ކިޔުންތެރިންނާއި ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދީ، ކަން ހިނގިގޮތުގެ އަސްލު ހޯދައި، ހާމަކޮށްދިނުމަށް ދިޔަރެސް ނޫހުގައި މިނިސްޓްރީން ވަނީ އެދިފައެވެ.

ދިޔަރެސް ނޫހުން އެކަމަށް އިޖާބަނުދިނުމުން، މިނިސްޓްރީން ތަކުރާރުކޮށް ގުޅުމުން ފޯނަށްވެސް މިހާރު ޖަވާބެއް ނުދޭކަމަށް މިނިސްޓްރީން ބުނެއެވެ.

"މިކަމުންވެސް އެނގި ޔަގީންވަނީ މި ދޮގު ޚަބަރު ދިޔަރެސް ނޫހުގައި ޝާއިޢުކުރީ، ވަކި ސިޔާސީ މަޤްސަދެއް ޙާޞިލް ކުރުމުގެ ނިޔަތުގައިކަން" ފޮރިން މިނިސްޓްރީ

މިއީ، ދެފުށް ފެންނަ މިނިވަން ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން ނޫސްވެރިންނަށް ދީފައިވާ މިނިވަންކަމުގެ ނިވަލުގައި ތިބެ، އެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގި ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއް ކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މިޚަބަރާއި ގުޅިގެން އެ މިނިސްޓްރީގެ ޕަބްލިކް އިންފޮމޭޝަންސް ޑިޕާޓްމަންޓުން މިހާރު ވަނީ މިމައްސަލަ އިތުރަށް ތަޙްޤީގުކޮށް އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއަށް ރަސްމީކޮށް ލިޔުމުން އަންގާފައި ކަމަށް މިނިސްޓަރީން ބުނެއެވެ.

މިނިސްޓަރީން ވަނީ ދިޔަރެސް ނޫހުގައި ލިޔުނު ޚަބަރު ރަނގަޅުކޮށް، ކިއުންތެރިންގެ ކިބައިން މަޢާފަށް އެދި ކުރިމަގުގައި މިފަދަ ދޮގު ޚަބަރު ޝާއިޢު ނުކޮށް، ޕްރޮފެޝަނަލް ނޫސްވެރިންގެ ގޮތުގައި ނޫސްވެރިކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.