އެމެރިކާ ކޮންގްރެސްގެ މަތިގެ، ސެނޭޓުގެ ކޮންޓްރޯލް، މިހާރު ވެރިކަމުގައިއޮތް ޑިމޮކްރެޓިކް ޕާޓީން ނަގައިފިއެވެ.
ސެނޭޓުގެ ކޮންޓްރޯލް ޑިމޮކްރޭޓުންނަށް ކަށަވަރުވީ، ނެވާޑާގެ ގޮނޑި، އެ ގޮނޑީގައި މިހާރުވެސް އިންނެވި ކެތަރިން ކޯރޓޭޒް މަސްޓޯ އަލުން ކާމިޔާބު ކުރައްވައިފިކަން ކަށަވަރުވުމާ ގުޅިގެންނެވެ.
ނެވާޑާގެ ގޮނޑި ކެތަރިން ކާމިޔާބު ކުރައްވައިފިކަން އެމެރިކާގެ މީޑިއާއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ނެވާޑާގެ ގޮނޑިއަށް ކެތަރިންއާ ވާދަކުރެއްވީ ރިޕަބްލިކަން މެމްބަރ އަދި ކުރީގެ ސްޓޭޓް އެޓަރނީ ޖެނެރަލް އެޑަމް ލަޒަލްޓްއެވެ. އޭނާ އެންޑޯޒް ކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ނެވާޑާގެ ގޮނޑި ޑޮމޮކްރޭޓުންނަށް ކަށަވަރުވުމާއި، އެރިޒޯނާގެ ގޮނޑި ހުކުރުދުވަހު ކަށަވަރުވުމާއެކު ސެނޭޓުގައި އެޕާޓީ ތަމްސީލުކުރާ ގޮނޑީގެ އަދަދުވަނީ 50 އަށް އަރާފައެވެ.
ސެނޭޓުގައި ޖުމްލަ 100 މެމްބަރުން ތިއްބަވާއިރު، 50 ގޮނޑި ލިބުމަކީ ޑިމޮކްރޭޓުންނަށް ކޮންޓްރޯލް ނެގޭނެ އަދަދެކެވެ. އެއީ، ޓައިއަކަށް ހިނގައްޖެނަމަ އެމެރިކާގެ ނައިބް ރައީސް ކަމަލާ ހެރިސްއަށް ވޯޓުގައި ބައިވެރިވެވަޑައި ގެންނެވޭތީއެވެ.
ސެނޭޓުގެ ކޮންޓްރޯލް ޑިމޮކްރޭޓުންނަށް ކަށަވަރުވުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ޖޯޖިއާ ސްޓޭޓްގެ ގޮނޑިއަށް ވާކުރެއްވި 2 ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، ޑިސެމްބަރު 6 ގައި އަލުން ވޯޓު ނެގުމަށްވަނީ ހަމަޖެހިފައެވެ. އެގޮނޑި، ޑިމޮކްރެޓިކް ޕާޓީގެ ރަފައެލް ވާރނޮކް ކާމިޔާބު ކުރައްވައިފިނަމަ ސެނޭޓުގައި ޑިމޮކްރޭޓުންނަށް 51 ގޮނޑި ލިބޭނެއެވެ. އިދިކޮޅު ރިޕަބްލިކަނުންނަށް ލިބޭނީ 49 ގޮނޑިއެވެ.
ސެނޭޓުގެ 51 ގޮނޑި ޑިމޮކްރޭޓުންނަށް ލިބުމަކީ، ޚިޔާލު ތަފާތުވާ މުހިންމު ބިލްތައް ސިމްޕަލް މެޖޯރިޓީއަކުން ފާސްކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމެކެވެ. އެކަމަކު، ސެނޭޓުން ގިނަ ގާނޫނުތައް ފާސްކުރުމަށް 60 ވޯޓު ބޭނުންވާނެއެވެ.
ސެނޭޓުގެ އައު ދައުރު ފަށާނީ މިފެށޭ އަހަރުއެވެ.
ސެނޭޓުގެ ކޮންޓްރޯލް ޑިމޮކްރަޓިކް ޕާޓީން ނެގިއިރު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިންތިޚާބުގެ ނަތީޖާވެސް ފެންނަނީ ދެޕާޓީއަށް ހަމަހަމަ ވާގޮތަށް އެކަމަކު، އިދިކޮޅު ރިޕަބްލިކަނުންގެ ކޮޅަށް ބުރަވާގޮތަށެވެ. އެއީ، ވަރަށް ކުޑަކުޑަ ތަފާތެކެވެ.
ރިޕަބްލިކަން ޕާޓީން "ރެޑް ވޭވް" ގެ ދަށުން ކެމްޕެއިންކޮށް ސެނޭޓާއި ހައުސްގެ މެޖޯރިޓީ ނެގުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.