އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ މީހާ އޭނާގެ 115 ވަނަ އުފަން ދުވަސް ފާހަގަކޮށްފިއެވެ.

އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށް ކަށަވަރުކޮށްފައިވާ ބެސީ ހެންޑްރިކްސް އޭނާގެ 115 ވަނަ އުފަންދުވަސް ފާހަގަކުރީ "ޝޭޑީ އޯކްސް ކެއާ ސެންޓަރ" ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސެންޓަރެއްގައި ބޭއްވި ޕާޓީއަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މި ޕާޓީގައި ބެސީގެ ތިން ދަރިން ބައިވެރިވި އިރު ،އޭގެތެރޭގައި އުމުރުން 90 އަހަރުގެ އަންހެން ދަރިފުޅު ޖޮއާން ޝެފަރ ވެސް ހިމެނެއެވެ.

ކޭސީސީއައި ޓީވީއަށް ދިން އިންޓަވިއުއެއްގައި ޖޮއާން ބުނީ، އޭނާގެ މަންމަ އަދިވެސް ދުނިޔޭގައި ހުރުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބެސީގެ އުމުރުން 13 އަހަރުގައި އޭނާގެ މަންމަ މަރުވުމުން އޭނާގެ އެއްބަނޑު އެއްބަފާ މީހުން ބަލަހައްޓަން ޖެހުނީ ބެސީއަށެވެ.

ބެސީގެ ދަރިފުޅު ބުނާ ގޮތުގައި ބެނީ އަކީ އަބަދުވެސް އާއިލާއަށް އަޅާލާ މީހެކެވެ. އަދި ބެސީއަކީ ހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް އާއިލާއަށް އިސްކަންދޭ މީހެއް ކަމަށް ވެސް އޭނާގެ ދަރިން ބުނެއެވެ.

އުމުރުން 115 އަހަރާއި 108 ދުވަސްވީ ތެލްމާ ސަޓްކްލިފް އަވަހާރަވުމާ ގުޅިގެން ބެސީވެގެން ދިޔައީ މި އަހަރުގެ ކުރީކޮޅު އެމެރިކާގެ އެންމެ ދުވަސްވީ އަންހެން މީހާއަށެވެ.

ޖެރޮންޓޮލޮޖީ ރިސާޗް ގުރޫޕުން މިހާރު އޭނާ ލިސްޓު ކުރަނީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ދުވަސްވީ މީހާގެ ގޮތުގައެވެ.