އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް "ޗައިލްޑް ކެއަރ ސްޕޭސް"ގެ މަސައްކަތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ދަޢުލަތުގެ އެކި އިދާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ސްޓެލްކޯގައި ޗައިލްޑް ކެއަރ ސެންޓަރެއް މިއަދު ހުޅުވުމާ ގުޅިގެންނެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިއީ ވަޒީފާއަދާކުރާ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ވަޒީފާއަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ވަޒީފާއަދާކުރާ ތަނުގައި ޗައިލްޑް ކެއަރ ސްޕޭސްގެ ގޮތުގައި ތަނެއް ހެދުމަށްފަހު ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ދަށުން ކުރަން ފެށި މަސައްކަތެކެވެ.

މިގޮތުން ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި އޯގާތެރި ސަރުކާރެއް ޤާއިމްކުރުމަށް ހިމަނާފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް މި މަސައްކަތުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

އޮފީސްތަކުގައި ޤާއިމުކުރާ ޗައިލްޑް ކެއަރ ސްޕޭސްގެ ސަބަބުން ވަޒީފާއަށްދާ ފަރާތްތަކުގެ ތެރެއިން ކުދިން ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން އެކަނިވެރި މައިން ނުވަތަ ބަފައިން ވަޒީފާއަށް ނުކުތުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ކުރިމަތިވާ ދަތިތަކަށް ލުޔެއް ލިބިގެންދާއިރު ޗައިލްޑް ކެއަރ ސްޕޭސްގެ ސަބަބުން ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ވަޒީފާއަދާކުރާ މައިންބަފައިންނަށް ފުރުސަތުލިބިގެންދާނެއެވެ.

ސަރުކާރުގެ އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރަމުންދާނީ އެ އޮފީހެއްގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް ތަނުގެ ޖާގަ އާއި ވަސީލަތްތައް ހުރި މިންވަރަކުންނެވެ.

ދިމާވާ އެކި ސަބަބުތަކާ ހުރެ މަދު ވަގުތުކޮޅަކަށް ނަމަވެސް ކުދިން ގެނެސް ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބައިތިއްބަން ބޭނުންވާ މައިންބަފައިންނަށް އެ ފުރުސަތު ފަހިކޮށްދެވޭ މިންވަރަށް ވަޒީފާގެ މާހައުލުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާއިރު ޗައިލްޑް ކެއަރ ސްޕޭސްގެ ގޮތުގައި ކަނޑައަޅާ ތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅައި، ތަން ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް މިނިސްޓްރީގެ ފަރާތުން ވަނީ އެކުލަވާލައިފައެވެ.

މިފޮތުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ބޭނުންހިފޭނެ އަދި އެކަމަށް މަގުފަހިކޮށްދޭނެ ގިނަ މަޢުލޫމާތުވެސް އެކުލެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި، މިފޮތުގައިވާ މަޢުލޫމާތުގެ ސަބަބުން ވަޒީފާއަދާކުރާ ތަންތަނުގައި ހަދާ "ޗައިލްޑް ކެއަރ ސްޕޭސް"ގެ ކަންކަން ބެލެހެއްޓުމާއި، އެތަނުން ޚިދުމަތް ލިބިގަންނަ ކުދިންނަށާއި، އެކުދިންގެ މައިންބަފައިންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިދާރާތަކަށް އެހީތެރިކަން ލިބިގެންދާނެއެވެ.