މިދިޔަ ޖުލައި މަހު ތައާރަފްކުރި ދިވެހި ރުފިޔާގެ ނިޝާނާއެކު 50 ރުފިޔާގެ އައު ނޫޓެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ އިއްޔެ ތަޢާރަފްކުރި 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ.
އަދި މި ނޫޓުގައި ސޮއިކޮށްފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ކަމަށާއި، މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
މި ނޫޓް ދައުރުކުރުމަށް ނެރޭނެ ތާރީހެއް އެމްއޭއިން އަދި އުލާނެއް ނުކުރެއެވެ.
ދިވެހި ތާނައަކުރު "ރ" ގައި އިތުރު ރޮނގެއް ދަމާލައިގެން އުފައްދާފައިވާ ދިވެހި ރުފިޔާގެ ނިޝާން އެމްއެމްއޭއިން ކަނޑައަޅާފައިވަނީ މިދިޔަ ޖުލައިމަހުގެތެރޭގައެވެ.
ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރަން މިދިޔަ އަހަރު އެމްއެމްއޭ އިން ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައިވެއެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅީ ފަންނީ ޖަޖުންގެ ޕެނަލަކުންނެވެ.