މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ "ރިވެލި މަޢުރަޒު 2022" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ.

އެކަމަނާ މި މަޢުރަޒު ހުޅުއްވައިދެއްވާފައި ވަނީ މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި މަޢުރަޒު ހުޅުއްވައި ދެއްވައި، މަޢުރަޒު ބައްލަވާލެއްވުމުގެ އިތުރުން، ފަސްޓްލޭޑީ ފަޒްނާ ވަނީ މަޢުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

ރައީސް އޮފީހުން ބުނީ، މި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ މައުރަޒެއް ކަމަށެވެ.

މި އަހަރުގެ މަޢުރަޒުގައި ބައިވެރިވި 95 ބައިވެރިން، އެފަރާތްތަކުގެ އުފެއްދުންތައް ހުށައަޅާފައި ވަނީ 5 ދާއިރާއަކުންނެވެ.

އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކާބޯތަކެތީގެ ދާއިރާގެ އިތުރުން، ކުރެހުމުގެ ދާއިރާއާއި އަދި އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއެވެ. އަދި، މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

"ރިވެލި މަޢުރަޒު 2022" ކުރިޔަށް ދާނީ، މިއަދާއި މާދަމާ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ ކަމަށް ރައީސް އޮފީހުން ބުނެއެވެ.