ފަރުވާއަށްފަހު ނިކުންނަ މީހުން، އަނބުރާ މަސްތުގެ ތެރެއަށް ދިޔުން ހުއްޓުވުމަށްޓަކައި، އާފްޓަރ ކެއަރގެ ޚިދުމަތް މިހާރު ވަނީ ފަށާފައި ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސްގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެންޑީއޭގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތާއި ހަވާލުވިތާ އަހަރަކާއި ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެން.ޑީ.އޭ ރިވުއު ކުރުމަށް ކަނޑައެޅި ޓީމަކުން ގިނަ ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި ޤައުމުގެ މަސްތުވާތަކެތީގެ ހާލަތާއި، ބޭނުންކުރާ ބާވަތްތަކާއި، އުމުރުފުރާތައް މިހާރު ސާފުވެއްޖެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލިހުންނާއި، ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ އިރުޝާދުތަކާއި ލަފާވެސް ބެލުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އިދާރީ ހިންގުމުގެ ކަންކަން ހަމަޖެހިފަ އޮތް ގޮތްވެސް ބެލުނު ކަމަށް ވިދާޅުވެފައެވެ.
އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މިދެންނެވި ހުރިހާ ކަމެއް ބަލާ އެކަންކަން އިސްލާހް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ އަންހެނުންގެ ފަރުވާގެ ޕްރޮގްރާމް އާއި، ހާފްވޭ ހައުސް ވެގެންދާނީ މުޅި މަންޒަރު ބަދަލުކުރުމުގެ މުހިއްމު ތަނަކަށް ކަމަށާއި އަންހެނުންގެ ރީހެބިލިޓޭޝަނަކީ މިހާރު މުޅިންހެން އަޅާނުލެވި އޮތް ފަރުވާއެއްކަން ފާހަގަކުރައްވާފައެވެ.
މިއަދު މިފެށޭ ޕްރޮގްރާމަކީ ޔޫއެން.އޯ.ޑީ.ސީގެ ފަރާތުން އެމެރިކާގެ ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއިއެކު ތައްޔާރުކުރެވުނު ޕްރޮގްރާމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ފަރުވާގެ ތެރޭގައިވެސް އަދި މުޖްތަމަޢުއާ ގުޅުމާއި ދޭތެރޭ ހިނގާ މުއްދަތުގައިވެސް، ފަންނީ ތަމްރީންތަކާއި، މަސައްކަތުގެ އަމަލީ ތަޖްރިބާއާއި، ވަޒީފާ ހޯދަ ދިނުމަށްވެސް އެތަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.