އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ފަހު އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރުމަށް ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެ ބޭފުޅުން ވަނީ މިކަމަކީ މިއީ ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރައި ގޮސްފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ އައު ސަފީރާއި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، މަތީ ތަޢުލީމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ކަނޑުމަތީގެ ސަލާމަތާއި، ބޯޑަރުތައް ހުރަސްކޮށް ހިނގާ ކުށްކުށާއި ގުޅޭގޮތުންނާއި، ތިމާވެއްޓާއި ގުޅޫންހުރި ކަންތައްތަކުގެ އިތުރުން ކަނޑުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އޮސްޓްރޭލިއާގެ ސަފީރަށް ދެއްވަމުންނެވެ.

ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.