އެމެރިކާގެ ސްްޓޭޓެއް ކަމަށްވާ ކެލިފޯނިޔާގެ ފިރިހެނަކު 33 ސިކުންތު ތެރޭގައި 10 ކެރޮލީނާ ރީޕާ މިރުސް ކައިގެން ރެކޯޑެއް ހަދައިފިއެވެ.

ކެރޮލީނާ ރީޕާ މިރުހަކީ ދުނިޔޭގެ އެންމެ ކުޅި މިރުހެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ރެކޯޑް ހެދި ފަރާތްކަމަށްވާ ގްރެގޮރީ ފޯސްޓާ ވަނީ، މި ރެކޯޑް ހެދުމުގެ 9 މަސް ފަހުން ސެންޑިއޭގޯގައި މިރުސް ކެއުމުގެ އެހެން މުބާރާތެއްގައި ބައިވެރިވެފައެވެ.

އެމުބާރާތުގައި އޭނާ ވަނީ 8.72 ސިކުންތު ތެރޭގައި 3 ކެރޮލީނާ ރީޕާ މިރުސް ކައިފައެވެ.

ދުނިޔޭގެ އެންމެ ކުޅި މިރުހުގެ ގޮތުގައި މަޝްހޫރުވެފައިވާ ކެރޮލީނާ ރީޕާ މިރުހަކީ، އެޑް ކަރީ ނަމަކަށް ކިޔާފަރާތަކުން ހައްދަން ފެށި މިރުހެކެވެ.

މިރުހުގެ ކުޅިމިން ހިސާބުކުރުމަށް ބޭނުންކުރާ މެތަޑުން 1,641,183 ސްކޯވިލް ހީޓް ޔުނިޓް ރަޖިސްޓްރީކޮށްފައިވާ މި މިރުހާ އަޅާބަލާއިރު، ހަލަޕީނިއޯ މިރުހުގައި އާންމުގޮތެއްގައި 2،000 އާއި 8،000 އާ ދެމެދުގެ އަދަދަކަށް ސްކޯވިލް ހީޓް ޔުނިޓް ހުންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއަށް ދިން އިންޓަވިއުއެއްގައި ގްރެގޮރީ ބުނީ ކެރޮލީނާ ރިޕާ މިރުހުގެ ރަނގަޅު ކަމަކީ އޭގެ ކުޅިކަން އިހުސާސްވާނީ އޭތި ކައިތާ 30 ސިކުންތު ވަރު ފަހުން ކަމަށެވެ.

އެހެންކަމުން ރެކޯޑް ހަދާ ނިމުމުން ކިރު އަދި ފެން ބޯން ފަށާއިރު ކުޅި އިހުސާސްވާ ކަމަށް ވެސް އޭނާ ބުނެއެވެ.