ޖީ20 ސަމިޓަށް އިންޑޮނޭޝިޔާއަށް ވަޑައިގެންނެވި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ދެކެވޭ ވާހަކަތައް ރަޝިޔައިން ދޮގުކޮށްފިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ހޮސްޕިޓަލަށް ގެންދެވުނުކަން މީޑިއާއަށް ހާމަކުރެއްވީ، ޖީ20 ސަމިޓް ބާއްވާ ރަށް ކަމަށްވާ ބާލީގެ ގަވަރްނަރ އައި ވަޔަން ކޮސްޓަރއެވެ.

އޭނާ ވިދާޅުވީ، ސަރްގެއި ލަވްރޯފް، ސަންގަލާހް ހޮސްޕިޓަލަށް ގެންދެވުނީ "ޗެޕަކެއް" ހެއްދުމަށް ކަމަށާއި، އޭގެފަހުން ހެޔޮ ސިއްހަތުގައި ހޮސްޕިޓަލުން އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.

ބައެއް މީޑިއާ ވަސީލަތްތަކުން ބުނެފައިވަނީ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ހޮސްޕިޓަލަށް ގެންދެވުނީ، ބާލީއަށް ވަޑައިގެންނެވިތަނުން ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންނެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރަށް ހޮސްޕިޓަލުގައި ފަރުވާ ދެވުނުކަން، އިންޑޮނޭޝިޔާ ސަރުކާރާއި، ހެލްތަބެހޭ 3 އޮފިޝަލަކު، ނަން ހާމަނުކޮށް އެސޯސިއޭޓެޑް ޕްރެސްއަށް ކަށަވަރު ކޮށްދެއްވާފައި ވެއެވެ. އޭގެތެރެއިން ދެ އޮފިޝަލު ވިދާޅުވީ، ލަވްރޯފަށް ފަރުވާދެވުނީ ހިތްޕުޅުގެ މައްސަލައެއްގައި ކަމަށެވެ.

އެހެން ނަމަވެސް، ރަޝިޔާގެ ޚާރިޖިއްޔާއިންވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ބުނެފައިވަނީ، މިއީ، ފޭކް ނިއުސްގެވެސް އެންމެމަތީ މިންވަރު ކަމަށެވެ.

ރަޝިޔާ ސަރުކާރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު މަރިއާ ޒަޚަރޯވާ ވަނީ، ޚާރިޖީ ވަޒީރު ލަވްރޯފް ބާލީގައި ހުންނެވި މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ކުރައްވާފައެވެ. އެ ވީޑިއޯގައި، ހިނިތުންވެ ހުންނަވައި ލަވްރޯފް ވިދާޅުވީ "މިއީ، ޕޮލިޓިކްސްގައި އައު ވައްތަރެއްގެ ގޭމެއް ނޫން" ކަމަށެވެ.

ލަވްރޯފްވަނީ، ހުޅަނގުގެ ނޫސްވެރިން ހަގީގަތް ލިޔަންޖެހޭ ކަމަށާއި، ތެދުވެރިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސަރްގެއި ލަވްރޯފްއަކީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ވަރަށް އަރިސް އަދި ވަރަށް އިތުބާރުކުރައްވަ ބޭފުޅެކެވެ.

އުމުރުފުޅުން މިހާރު 77 ވެފައިވާ ލަވްރޯފް ރަޝިޔާގެ ޚާރިޖީ ވަޒީރުކަމަށް އިސްކުރެވުނީ 2004 ވަނަ އަހަރުއެވެ.

ބާލީގައި މާދަމާ ފަށާ ޖީ20 ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި ރަޝިޔާގެ ރައީސް ޕޫޓިން ބައިވެރިވެވަޑައި ނުގެން، ސަމިޓަށް ފޮނުއްވީވެސް ޚާރިޖީ ވަޒީރު ލަވްރޯފެވެ.

ޖީ20 ސަމިޓަކީ، ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުގެ ވެރިން ވަޑައިގެން ދުނިޔޭގެ ހާލަތާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތާމެދު ބަހުސްކުރުމަށް ބާއްވާ ސަމިޓެކެވެ.