ދިވެހިންގެ މެދުގައި މަގުބޫލު އިންޓަނޭޝަނަލް އޮންލައިން ވިޔަފާރިއެއް ކަމަށްވާ ޝެއިންއިން އަނެއްކާވެސް ރާއްޖެއަށް ހިލޭ ޝިޕްކުރަން ފަށައިފިއެވެ.
މި އަހަރުގެ އޯގަސްޓު މަހުން ފެށިގެން، "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނަން ޝިޕިން ފީއެއް ނަގަން ފަށާފައި ވެއެވެ. ނަމަވެސް އޭގެ ކުރިން "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނައިރު 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ، ހިލޭ ޝިޕްކޮށްދިނެވެ.
އޯގަސްޓް މަހުން ފެށިގެން މިފަހަކާ ޖެހެެންދެން ޗައިނާގެ ވިޔަފާރިއެއް ކަމަށްވާ "ޝެޢިން"ގެ ވެބްސައިޓުން ދައްކާ ގޮތުގައި ރާއްޖެ އެންމެ އައިޓަމެއް ޝިޕްކުރުމަށް ވެސް 30 ޑޮލަރު ނެގިއެވެ. އަދި އިތުރަށް ގެންނަ ކޮންމެ އެއްޗަކުން ފަސް ޑޮލަރުގެ ރޭޓުން ޗާޖުކުރިއެވެ.
ދާދިފަހުން "ޝެއިން" އިން މިއަދު ހާމަކުރި ގޮތުގައި އެކުންފުނިން މިހާރު ވަނީ 250 ޑޮލަރުން މަތީގެ އޯޑަރުތަަކަށް ހިލޭ ޝިޕިން ހަމަޖައްސާފައެވެ. އެކަމަކު މިހާރުވެސް އެއަށްވުރެ ދަށުގެ އޯޑަރުތަަކަށް 24 ޑޮލަރު ނަގާނެވެ.
ޝެެއިންއިން ވިޔަފާރިކުރުން ދިވެހިންގެ މެދުގައި އިތުރުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އަންނައުނާއި، ބަދިގޭގައި ބޭނުންކުރާ އެކި ކަހަލަ ސާމާނުތައްވެސް ޝެއިންއިން ލިބޭއިރު ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި، އޯޑަރުކުރާ ސާމާނު ލިބެއެވެ.
ޝެއިންއިން ބޮޑު ފީ ނަގަމުން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، މުދާ އެކްސްޕޯޓްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ދަނޑިވަޅެއްގައެވެ.