މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އޭނައަށް އަނިޔާދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރޮޒައިނާއަށް އިންޒާރުދީ އޭނައަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ބަޔާނުގައި ވަނީ، ސިޔާސީ ވާދަވެރިކަމުގެތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިޚްތިރާމާއެކު މުޢާމަލާތްކުރުމަށާއި، އެވާދަވެރިކަމުގެތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތްނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން ހަނދާންކޮށްދީފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، އެޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫންކަމަށެވެ. އަދި، ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން އެޕާޓީން އަބަދުވެސް ޤަބޫލުކުރާނެކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި މިޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ އެޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމަމެއްކަމަށްވެސް ބުނެފައިވެއެވެ. އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށް ބަޔާނުގައި ބުނެފައިިވެއެވެ.