މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުން ގުޅިގެން ޓެރަރިޒަމް އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަރުޚަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސަލާމަތީ ބާރުތަކުން ދާދިފަހުން ހިންގި އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ތުހުމަތުގައި 14 މީހަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.

މި މަސައްކަތްތަކަށް ތައުރީފްކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖެ އަމާންކަންމަތީ ބޭއްވުމަށްވުރެ ވަކި މުހިންމު ކަމެއް ނެތް ކަމަށެވެ.

ޓެރަރިޒަމާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި ކ.ގުރައިދޫގައި ވަނީ ޙާއްޞަ އޮޕަރެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

އަދި މި އޮޕަރޭޝަނުގައި ޖުމްލަ 14 މީހަކުވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވަނީ _މި މީހުން ރާވަމުންދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާކުރުމަށް ކަމަށެވެ.

ޓެރަރިޒަމްއާ ދެކޮޅަށް ކުރަމުންއަންނަ މަސައްކަތްތަކަށް ނަޝީދުގެ ތަޢުރީފް ލިބުނުއިރު އެމަނިކުފާނު އަވަހާރަކޮށްލުމަށް މީގެ ކުރިން ވަނީ ބޮމުގެ ހަމަލާއެއްދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އެހަމަލާގަައި ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވެފައިވަނީ ވަރަށް ހަނިގޮތަކަށެވެ.