މި ރާއްޖޭގެ ރިޔާސަތު ރައީސް ނަޝީދަށް ދޭން ދިވެހި ރައްޔިތުން ތިބީ ތައްޔާރަށް ނޫން ކަަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޗާގޮސްގެ މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީލުގެ ޖަލްސާތައް ކުރިއަށްދާ ގޮތާއިމެދު ހިތާމަކުރައްވާކަން ހާމަކުރައްވާ މެމްބަރު ވިދާޅުވީ ހަގީގަތުގައި ރާއްޖެއަށް ދިމާވެގެން އުޅެނީ ޗާގޮސްގެ މައްސަލަ އާއި އިމެއް ގެއްލިގެން އުޅޭ މައްސަލަނޫން ކަމަށެވެ.

ރާއްޖެއަށް ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ ކަމަށާއި އިރާދަ ކުރެއްވިއްޔާ ދެން މި ރާއްޖެ އެ ހާލަތަކަށް ނުދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މަނިކުފާނަށް މި ރާއްޖޭގެ ރިޔާސަތު ދޭން ދިވެހި ރައްޔިތުން ތިބީ ތައްޔާރަކަށް ނޫން. މަނިކުފާނުގެ ބާރެއް ހިނގާގޮތަކަށް ވެސް މި ރާއްޖޭގެ ރިޔާސަތު ދޭން ދިވެހިން ތިބީ އިރާދަ ކުރެއްވިއްޔާ ތައްޔާރަކަށް ނޫން. އަޅުގަނޑުމެންނެއް އެ މެންޒަރެއް ދެނެއް ނުބަލާނަން."
ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު

ޗާގޮސްގެ މައްސަލައަކީ މިހާތަނަށް އައިއިރު އެންމެ ސާފުކޮށް މައުލޫމަތު ހިއްސާކުރި މައްސަލަކަން ފާހަގަކުރައްވާ މެމްބަރު ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

އަދި ރައީސް ނަޝީދުގެ ޒަޢާމަތުގައި މަލިކަކީވެސް ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައި އޭރު އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ނަމަވެސް މިއަދު އެ ވާހަކަތައް ނަޝީދަށް ނުދެއްކޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުޅުއްވަން އުޅޭ ޑްރާމާއަކަށް ޖާގަހެއް ނެތް ކަމަށާ ޗާގޮސްގެ މައްސަލަވެސް ނިމިގެންދާނީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށްކަން މެމްބަރު ފާހަގަކުރެއްވިއެވެ.