އިތުރު ފިނި ހަނގުރާމައެއްގެ ތެރެއަށް ދުނިޔެ އަލުން ވައްޓާލެވިގެން ނުވާނެކަމަށް އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ރައީސް މިހެން ވިދާޅުވީ، އެގައުމުގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި މިއަދު ފެށި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ހިމެނޭ ޖީ20 ސަމިޓް ހުޅުއްވައި ދެއްވަމުން، ގައުމުތަކުގެ ލީޑަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ، އާންމު ނަމުންނަމަ "ޖޮކޮވީ" ވިދާޅުވީ، ޖީ20 ގައި ހިމެނޭ ގައުމުތަކުން ލީޑަރުން ދުނިޔެ ބައިބައި ކޮށްގެން ނުވާނެ ކަމަށާއި، ހަމަ އެއާއެކު، އިތުރު ފިނި ހަނގުރާމައެއްގެ ތެރެއަށް ދުނިޔެ ވައްޓާލުމުގެ ފުރުސަތުވެސް ދީގެން ނުވާނެ ކަމަށެވެ.

ރައީސް ޖޮކޮ ވިޑޯޑޯ ވިދާޅުވީ، ވާދަވެރިކަމާއި، ހަނގުރާމަތަކާ އެކުވެސް ދުނިޔެ އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑް ބަލިމަޑު ހާލަތުން އަރައިގަތުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މައްޗަށް ޒިންމާތައް އޮތީކީ އަޅުގަނޑުމެންގެ ރައްޔިތުންގެ މައްޗަށް އެކަންޏެއްނޫން. ދުނިޔޭގެ އެންމެންގެ ޒިންމާތަވެސް އެބައޮތް. ޒިންމާދާރުވުމަކީ އދގެ ޗާޓަރުގައި އެކަށައަޅާފައިވާ ގޮތުގެ މަތިން ބައިނަލްއަގްވާމީ ގާނޫނުތަކާއި، އުސޫލުތަކަށް އިހްތިރާމްކުރުން"
ޖޮކޮ ވިޑޯޑޯ

އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކެއް، ޖީ20 ގެ ލީޑަރުން ހޯއްދަވަންޖެހޭ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ ދުނިޔެ ކުރިއަށް ދިއުމަށް އެކަމުން ދަތިތަކާ ކުރިމަތިވާނޭ ކަމަށް ޖޮކޮ ވިޑޯޑޯ ވިދާޅުވިއެވެ.

ޖީ20 ސަމިޓަކީ، ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުގެ ވެރިން ވަޑައިގެން ދުނިޔޭގެ ހާލަތާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތާމެދު ބަހުސްކުރުމަށް ބާއްވާ ސަމިޓެކެވެ.

މިފަހަރުގެ ސަމިޓް މި ބައްވާ ދުވަސްވަރަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ހާލަތާއި، ހަކަތައާއި، އިގްތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެކެވެ.

އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި، ހަކަތައާއި، މާލީ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވަމުންދަނީ ފަގީރު ގައުމުތަކައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށެވެ.

ސަމިޓްގެ ތެރެއިން، ޚިޔާލު ތަފާތުވުންތައް ކުޑަކޮށް، މައްސަލަތައް ހައްލުކުރުމަށް އިންޑޮނޭޝިޔާއިން މަސައްކަތް ކުރާނޭ ކަމަށާއި، ނަމަވެސް އެ މަސައްކަތްތަކުގެ ކާމިޔާބީ ގުޅިފައިވަނީ ގައުމުތަކުން އެއްބާރުންދޭ މިންވަރަކާ ކަމަށް، ޖީ20 ސަމިޓުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ ސަމިޓުގެ ތީމަކީ "ރިކަވަރ ޓުގެދަރ، ރިކަވަރ ސްޓްރޯންގަރ" އެވެ.