ދުނިޔޭގެ އިންސާނީ އާބާދީ ޖުމުލަ 8 ބިލިއަނަށް މިއަދު އަރައިފިއެވެ.

ބައިނައަލްއަޤުވާމީ ރިޕޯޓްތައް ބުނާގޮތުން، އަންގާރަ ދުވަހު ދުނިޔޭގެ އާބާދީ ވަނީ 8 ބިލިއަނަށް އަރާފައެވެ. އދގެ ޕްރޮޖެކްޝަންގައި ބުނެފައިވަނީ، ދުނިޔޭގެ އަށްބިލިއަންވަނަ އިންސާނާ، ދުނިޔޭގެ ކޮންމެވެސް ތާކަށް މިއަދު އުފަންވެފައިވާ ކަމަށެވެ.

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް މިއެރީ އުފަންވާ ނިސްބަތް ދަށްވަމުން އަންނަކަން އދ.އިން ފާހަގަކޮށްފައި ވަނިކޮށެވެ.

އދއިން ނެރުނު ބަޔާނެއްގައި ބުނީ މިކަމުން ދޭހަވަނީ އެންމެ 12 އަހަރުގެ ތެރޭގައި ދުނިޔޭގެ އާބާދީއަށް އެއްބިލިއަން މީހުން އިތުރުވެފައިވާކަން ކަމަށެވެ.

މިއީ އިންސާނީ އާބާދީއަށް ލިބުނު ހީވެސް ނުކުރާވަރުގެ ކުރިއެރުމެއްކަން ފާހަގަކޮށް، އދ.އިން ބުނީ، އާންމު ސިއްހަތާއި ކެއިންބުމުގެ ރަނގަޅު ވައްޓަފާޅި އާއި އަމިއްލަ ސާފުތާހިރުކަމާއި ބޭސްވެރިކަމަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން އިންސާނުންގެ އުމުރު މަޑުމަޑުން އިތުރުވަމުން އަންކަން މިކަމުން ދޭހަވާ ކަމަށެވެ. އަދި މިއީ ބައެއް ގައުމުތަކުގައި ދަރިމައިވުމުގެ މިންވަރު މަތިވެ ދެމިއޮތުމުގެ ނަތީޖާ ކަމަށްވެސް އދގެ ބަޔާނުގައި ވެއެވެ.

ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އާބާދީގެ އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ކަމަށާއި 2011 ވަނަ އަހަރުން ފެށިގެން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ޖުމުލަ 700 މިލިއަނަށްވުރެ ގިނަ މީހުން އިތުރުވެފައިވާކަން އދ.އިން ފާހަގަކުރެއެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގެ އާބާދީއަށްވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 180 މިލިއަން މީހުން އިތުރުވެފައެވެ.

އެގައުމުގެ އާބާދީ އިތުރުވަމުން އަންނަ ރޭޓަށް ބަލާއިރު، އަންނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެއްގެ ގޮތުގައި ޗައިނާ އޮތް އޮތުން ނިމުމަކަށް ގެނެސް އިންޑިއާ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު ހޯދާނެ ކަމަށް ދުނިޔޭގެ އާބާދީ ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ އާބާދީ އާ އުސްމިންތަކަކަށް ދިޔަ ނަމަވެސް، ޑިމޮގްރަފިސްޓުން ފާހަގަކުރާ ގޮތުގައި، އާބާދީ ކުރިއެރުމުގެ ނިސްބަތް ފާއިތުވި އަހަރުތަކަށް ބަލާއިރު، އަހަރަކު އެކެއް އިންސައްތައަށް ވުރެ ދަށަށް ގޮސްފައި ވެއެވެ.

މިކަމުގެ ސަބަބުން 2037 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީ ނުވަބިލިއަން ނުފޯރާނެއެވެ. އދ.އިން ލަފާކުރާ ގޮތުގައި 2080 ގެ އަހަރުތަކުގައި ދުނިޔޭގެ އާބާދީ 10.4 ބިލިއަން މީހުންގެ ނިސްބަތުން ޕީކްވާނެ ކަމަށާއި 2100 ވަނަ އަހަރާ ހަމައަށް އެ ވަރުގައި ދެމިއޮންނާނެ ކަމަށެވެ.