ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޯމިޔާ ސްވާމިނާތަން އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ސޯމިޔާ ސްވާމިނާތަން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެހެން ނަމަވެސް، އިސްތިއުފާ ދެއްވާ ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ޑރ. ސޯމިޔާ ސްވާމިނާތަންއަކީ އިންޑިއާގެ ބޭފުޅެކެވެ.

ޑރ. ސޯމިޔާ ސްވާމިނާތަން، ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓުގެ މަގާމުން އިސްތިއުފާ މިދެއްވީ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް މަގާމުގެ ދެވަނަ ދައުރު ފެށްޓެވުމާއެކު، އެ ޖަމްއިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވައި އަދި ރިޓަޔަރކުރައްވާނެ ކަމަށް ކުރިންވެސް ބެލެވިފައި ވަނިކޮށެވެ.

ހެލްތު އަދި ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ޑރ. ސޯމިޔާ ސްވާމިނާތަންގެ އިތުރުން، ޑަބްލިޔުއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަރ ފޮރ ޔުނިވަރސަލް ހެލްތު ކަވަރޭޖް އެންޑް ކޮމިއުނިކަބްލް އެންޑް ނޮން-ކޮމިއުނިކަބްލް ޑިޒީޒަސް ޑރ. ރެން މިންގުއިއާއި، އެކްސަސް ޓު މެޑިސިންސްގެ ވެރިޔާ ޑރ. މަރިއާންޖެލާ ބަޓިސްޓާ ގަލްވާއޯ ސިމާއޯވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް، މަގާމުގެ ދެވަނަ ދައުރު ފަށްޓަވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުއެވެ.

ކޮންމެ އައު ޓާމެއް ފެށޭއިރު، ޑިރެކްޓަރ ޖެނެރަލްގެ އިސް ޓީމަށް ބަދަލު ގެނައުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ލީޑަރޝިޕް ޓީމުގައި ހިމެނިވަޑައި ގަންނަވަނީ ޖުމްލަ 18 ބޭފުޅުންނެވެ. އެބޭފުޅުން މަސައްކަތް ކުރައްވަނީ ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ ހެޑްކްއަޓަރުގައެވެ.

ޑރ. ޓެޑްރޯސް އަދަނޮމްގެ ފުރަތަމަ ދައުރުގައި ޓީމުގައި ހިމެނިވަޑައިގެންނެވި އިސް ބައެއް ބޭފުޅުން އިސްއުފާ ދެއްވުމާއި، އިދާރީ އިސް ބޭފުޅުންތަކެއްވެސް ރިޓަޔަރކުރައްވާއިރު، ޑަބްލިޔުއެޗްއޯއަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެންނަން، ޑަބްލިޔުއެޗްއޯއަށް ބޮޑެތި ހޭދަތައްކުރާ ގައުމުތަކާއި، ޑޯނަރުން ގެންދަނީ ބާރުއަޅަމުންނެވެ.

ޑަބްލިޔުއެޗްއޯ އިސްވެ އޮވެ ކޮވިޑާ ދެކޮޅަށް ދުނިޔޭގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާއިރު، މަންކީޕޮކްސްއާއި ޕޯލީއޯއާ ދެކޮޅަށްވެސް ގެންދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާއި، އަދި ކުރިއަށް ދިމާވެދާނެ ބަލިމަޑުހާލަތްތަކާ ކުރިމަތިލުމަށް ޑަބްލިޔުއެޗްއޯގެ ގާބިލްކަން އިތުރުކުރުމަށް އެ ޖަމްއިއްޔާއަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެނެސް، ސިއްހަތާބެހޭ އުސޫލުތައް މިހާރަށްވުރެ ވަރުގަދަކުރުމަކީ ޑަބްލިޔުއެޗްއޯގެ މި ދައުރުގެ އިސްލާހީ އެޖެންޑާގެ އެންމެ ކުރީގައި އުޅޭ މަސައްކަތްތަކެވެ.