ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މިއަދު ފަށައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިޔަށްގެންދާ މި ފޯރަމް ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް އެވެ.

ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ކުރެވެންހުރި ކަންތައްްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. 2022 ވަނަ އަހަރުގެ ފޯރަމަށް ކަނޑަޅާފައިވާ މައުޟޫއަކީ "ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފަރާސްޓްރަކްޗަރ ތަރައްގީކުރުން" މިއެވެ.

މި ފޯރަމްގައި ބައިވެރިވަނީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ވިޔަފާރިއާއި، އިގްސާދު، ސިޔާސީ، އިލްމީ، އިޖްތިމާއީ ދާއިރާގެ އިސް ބޭފުޅުންނެވެ. އެގޮތުން މި ފޯރަމްގައި 150 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފޯރަމްގައި ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ މިހާރު އެކުލެވިފައިވާގޮތާއި، ފައިނޭންޝަލް އިންފްރާންސްޓްރަކްޗަރ ތަރައްގީކުރުމަށް ހިންގަމުންދާ އަދި ކުރިޔަށްއޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން މައުލޫމާތު ބަދަލުކުރުމާއި، ފުރިހަމަ މާލީ ނިޒާމެއް ގާއިމްކުރުމަށް ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރަށް ގެންނަން ޖެހޭ ތަރައްގީއާއި ކުރިއެރުންތަކާއި މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ ދާއިރާގެ އެކި ފަރާތްތަކާއި ގުޅިގެން ކުރިޔަށްގެންދާ މި އިވެންޓްގެ މއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.