ދިވެހި ފިލްމް އިންޑަސްޓްރީގައި އުފައްދާ އުފެއްދުންތައް، ތިއޭޓަރއެއްގައި ބަލާލުމުގެ ފުރުސަތު ލިބެން އޮތް ހަމައެކަނި ތަން ކަަމުގައިވާ އޮލިމްޕަސް ސިނަމާގެ މަސައްކަތް ނިންމައި އަންނަ މަހުގެ 16 ވަނަ ދުވަހު އެތަން ހުޅުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ، އޮލިމްޕަސް ނުހުޅުވި ގިނަ ދުވަސްތަކެއް ވަމުންދާތީ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވާ، އެތަން ހުޅުވޭނެ ދުވަހެއް އޮޅުންފިލުއްވުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރާއީގެ ސުވާލަށް ޖަވާބުދެއްވަމުން ޔުމްނާ ވިދާޅުވީ، އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގައި ލަސްތަކެއް ވެއްޖެކަން ގަބޫލުކުރެވޭކަމަށެވެ. އެހެންނަމަވެސް އެކަން ދިމާވީ އެންމެ ފުރަތަމަ އަކޫސްޓިކް ޓްރީޓްމެންޓް ދިނުމުގެ ސާމާނު ގެނައުމަށް ހަވާލުކުރި ފަރާތުން، ފަހު އެކަން ނުކުރެވޭނެކަމަށް ބުނުމުން، އަނެއްކާވެސް އެކަން ކުރާނެ ބަޔަކު ހޯދަން ގިނަ ވަގުތުތަކެއް ހޭދަވުމުންކަމަށެވެ. އަދި އޮލިމްޕަހަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގެނައުމުގައި ލަސްތަކެއް ދިމާވުމުންކަމަށެވެ.

އެހެންނަމަވެސް މިހާރު ގިނަ ސާމާނު ގެނެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ޔުމްނާ ވަނީ، އޮލިމްޕަސް ނިމޭއިރު އެތަން ހުންނާނެ ގޮތް ތަފްސީލްކޮށްދެއްވާފައެވެ.

އޮލިމްޕަސް ޒަމަނީ ފެންވަރަށް ތަރައްގީކޮށް މަޝްރޫއު ނިމޭއިރުގައި އޮލިމްޕަހުގައި ފިލްމް ސްކްރީންކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަށް 7.1 ސަރައުންޑް ސައުންޑް އަދި ރިޓްރެކްޓް ކުރެވޭ ސިނަމާ ސްކްރީނެއް ހުންނާނެ. އޮލިމްޕަސް ހޯލްގައި މިއުޒިކް އަދި ސްޓޭޖް ޑްރާމާ ފަދަ ޝޯވތައް ބޭއްވުމަށް ބޭނުންވާ ލައިޓްތަކާއި، ސައުންޑް ސިސްޓަމްތައް ހޯދައި ސްޓޭޖް ތައްޔާރުކުރެވިފައި ހުންނާނެ. މިއުޒިކް ޕްރެކްޓިސްކުރެވޭނެ ދެ ރޫމް، ސައުންޑް ސިސްޓަމްއާއެކީގައި ތައްޔާރުކުރެވިފައި ހުންނާނެ. ޑާންސް ޕްރެކްޓިސްއަށްވެސް ރޫމެއް ތައްޔާރުކުރެވޭނެ. މިއުޒިކާއި އަދި ތަފާތު ކުރޅިވަރުތައް ބޭއްވުމަށް އޮލިމްޕަސް ބެކް ޔާޑްވެސް ތަރައްގީކުރެވި، އެތަންވެސް ބޭނުންކުރެވޭނެ ގޮތްތަކެއް ހެދޭނެ. މީގެއިތުރަށް ތަގައްގީކުރެވިފައިވާ ކެފޭ ސަރަހަށްދެއް އޮލިމްޕަހުގައި ހެދޭނެ. އެތަނުގައި އާޓިސްޓުންނާއި، އުފެއްދުންތެރި ހިޔާލުގެ އެކި ބޭފުޅުންނަށް ވަޑައިގެން އެތަނުގައި މަޝްވަރާކުރެއްވޭނެ ޖާގަ އެތަނުގައި އޮންނާނެ. އަދި އޮލިމްޕަހުގައި ހިނގާ ހަރަކާތްތައް އިޝްތިހާރުކުރެވޭނެ ސްކްރީންތަކެއް ބެހެެއްޓިފައި ހުންނާނެ.
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

ޔުމްނާ ވިދާޅުވީ، އޮލިމްޕަސް ޒަމާނީ ފެންވަރަކަށް ނިމިގެންދާއިރު، އިތުރު ވަސީލަތްތަކެއް އެތަނުން ލިބިގެންދާނެކަމަށެވެ. ފަންނާނުންނަށް، ފަންނީ ހުނަރުތައް ދައްކާލުމަށް ތަފާތު ޕްލެޓްފޯމްތަކެއް އެތަނުގައި ހުންނާނެކަމަށެވެ.

މިހާރު މަސައްކަތް ކުރަމުން ދަނީ ޑިސެމްބަރު 16ވަނަ ދުވަހު އޮލިމްޕަސް ހުޅުވާލެވޭނެ ހަފްލާއެއް ބޭއްވޭތޯކަމަށް ނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި އޮލިމްޕަސް އަދިވެސް ނުހުޅުވޭއިރު، ދެ އަހަރު ވީއިރު ވެސް އޮލިމްޕަސް ނުހުޅުވުމުން މި ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.