ބްރޯޑްކާސްޓިން ގަވާއިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އަންގަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމީ ބްރޯޑްކޮމްއިން އެކުލަވާލި އެގަވާއިދުގައިވާ މާއްދާއެއްގެ ސަބަބުން ޓެލެކޮމް ކުންފުނި ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)އިން ދެމުން އަންނަ ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.

ބްރޯޑްކާސްޓިން ގަވާއިދުގައި މިހާރު އޮތް ގޮތުން ނަމަ ރާއްޖޭގައި ރީ-ބްރޯޑްކާސްޓްކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާން ޖެހެއެވެ.

ދިވެހި ސަރުކާރަށް 41 އިންސައްތަ ހިއްސާ އޮންނަ ދިރާގުގެ 52 އިންސައްތަ ހިއްސާދާރަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯއެވެ. ބާކީ ހަތް އިންސައްތަ ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.

އެހެންކަމުން ގަވާއިދު މިހާރު އޮތް ގޮތަށް ބަދަލެއް ނުގެނެސްފި ނަމަ އަންނަ ޖެނުއަރީ މަހުގެ ތެރޭ ދިރާގު ޓީވީގެ ލައިސަންސް ބާތިލުވާނެއެވެ.

މިކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ގަވާއިދު ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި ބްރޯޑްކޮމްގެ މެންބަރުންނާއި ދިރާގާއި އެހެނިހެން ފަރާތްތައްވެސް ވަނީ ހާޒިރުކޮށް މައްސަލަ ހިނގި ގޮތް ބަލައިފައެވެ.

މިމައްސަލަ ދިރާސާ ކުރުމަށް ފަހު އެކޮމިޓީން މިއަދު ނިންމާފައި ވަނީ ބްރޯޑްކާސްޓިން ގަވައިދުގައި ހިމަނާފައިވާ އެމާއްދާ ޤާނޫނާ ޚިލާފު ކަމަށެވެ. އަދި އެބަދަލު ގެނައީ ކަމާ ބެހޭ ފަރާތްތަކަށް ނާންގާ ސިއްރުން ކަމަށްވެސް ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ.

އެކޮމިޓީން މިއަދު ފާސްކުރީ އެމާއްދާ ބާތިލު ކުރުމަށް ބްރޯޑްކޮމް އަށް އެންގުމަށެވެ.