ފަސް އަހަރަށްފަހު ކުވައިތުގައި ފުރަތަމަ ފަހަރަށް ގައިދީންތަކަކަށް މަރުގެ އަދަބު ދިނުމުގެ ގޮތުން ދަން ޖައްސައިފިއެވެ.
ކުވައިތު ސަރުކާރުގެ މީޑިއާ ކޫނާ ނިއުސް އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި މި "މާސް އެގްސެކިއުޝަން"ގައި 7 މީހަކު ވަނީ ދަން ޖައްސާފައެވެ.
އެގައުމުގައި އެންމެފަހުން ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޛުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ އެ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
މަރުގެ އަދަބު ދިނުމުގެ ގޮތުން ދަން ޖެއްސުން ފަސް އަހަރު ދުވަސް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު މި އަދަބު އަލުން ދޭންފެށުމުން އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން އަންނަނީ މިކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ދަން ޖައްސައިގެން މަރުގެ އަދަބު ނުދިނުމަށް ގޮވާލާ، މިއީ އެއްވެސް ރަހުމެއް އިންސާނިއްޔަތުކަމެއް ނެތް އަދަބެއް ކަމަށްބުނެ ކުވައިތު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މިއަދަބު ދިނުން އެއްކޮށް ހުއްޓާލަން ޖެހޭކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ކުވައިތު ސަރުކާރުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މަރުގެ އަދަބު ދީފައިވަނީ ދެ އަންހެނުންނާއި ފަސް ފިރިހެނުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކުވައިތަށް ނިސްބަތްވާ ހަތަރު މީހަކާއި، ޕާކިސްތާން މީހެއްގެ އިތުރުން ސީރިއާ މީހެއް އަދި އެތިއޯޕިއާ އަށް ނިސްބަތްވާ މީހެކެވެ.
2017 ވަނަ އަހަރު މި އަދަބު ދީފައިވަނީވެސް 7 މީހަކަށެވެ. އެމީހުންގެ ތެރޭގައި ކުވައިތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ މީހަކުވެސް ހިމެނެއެވެ.
ގަލްފް ސަރަހައްދުގައި ހިމެނޭ ގައުމުތައް، ހާއްސަކޮށް އީރާން އާއި ސައުދީ އަރަބިއްޔާ އަކީ، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް، މަރުގެ އަދަބު ތަންފީޛުކުރުމުގައި މިސާލު ދައްކަމުން އަންނަ ގައުމުތަކެކެވެ.
އެގޮތުން މާޗު މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ވަނީ އެއް ދުވަހެއްގައި 81 މީހުންނަށް މަރުގެ އަދަބު ތަންފީޛުކޮށްފައެވެ.
ކުވައިތުން މަރުގެ އަދަބު ތަންފީޛުކުރަން ފެށިކަމަށް ތާރީޚުން ދައްކަނީ 1960 އިގެ އަހަރުތަކުގެ ތެރޭގައެވެ. މަރުގެ އަދަބު އެގައުމުން ދެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މަރުގެ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުންނަށެވެ.