"ވުނަދާނަ ފެސްޓިވަލް 2022" ހެދިގޮނޑުދޮށުގައި ފަށައިފިއެވެ.

މިއީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްސަކޮށްގެން ބާއްވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މި ފެސްޓިވަލްއަށް ޒިޔާރަތްކުރައްވާފައެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ފެސްޓިވަލްގައި ބަހައްޓާފައިހުރި އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިޔަށްގެންދާ މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވާއިރު މިއީ އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެތަންތަނުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް ފަހިވެގެންދާ މުހިންމު ފުރުސަތެކެވެ.

އެއްދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ހަރަކާތުގައި ދަޢުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެ އެތަންތަނުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތަކާ ފުރުސަތުތަކުގެ މަޢުލޫމާތު ދިނުންފަދަ ހަރަކާތްތައް ވެސް ކުރިޔަށްގެންދިޔައެވެ.