ޓެކްސް ބިލު ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ލިބުނު އިތުރު ބާރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އަމީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސް ރޭޓްސް މަޖިލިހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.
އަދި މި ސަރުކާރު މިވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓްރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ މައިގަނޑު ބޭނުމަކީވެސް ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުން ކަމަށް ސަރުކާރުން ބުނެއެވެ.
ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު މިބިލާ ދެކޮޅަށް ވޯޓުދެއްވީ 26 މެމްބަރެކެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މިގެނައި އިސްލާހުގައި ވާގޮތުން ޓީޖީއެސްޓީ 12 އިންސައްތައިން އިން 16 އިންސައްތައަށް އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ވެގެން ދާނެއެވެ.