ޕޯލެންޑަށް ވެއްޓުނީ ޔޫކްރެއިނުން ފޮނުވާލި މިސައިލެއް ނޫންކަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ވިދާޅުވުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ގަބޫލުފުޅެއް ނުކުރެއްވިއެވެ.

އިންޑޮނޭޝިޔާގެ ބާލީގައި ބޭއްވި ޖީ20 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން ވައިޓްހައުސްގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިޑެން ވިދާޅުވީ، މިސައިލް މައްސަލާގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ދައްކަވާ ވާހަކަފުޅުތަކަކީ "ހެއްކެއް ނޫން" ކަމަށެވެ.

ޔޫކްރެއިން-ޕޯލެންޑް ވަކިކުރާ އިމުން ޕޯލެންޑްގެ އަވަށަކަށް އިއްޔެ ވެއްޓުނު މިސައިލްގެ ސަބަބުން 2 މީހުން މަރުވިއެވެ.

މިއީ، ރަޝިޔާއިން ފޮނުވާލި މިސައިލެއް ކަމުގެ ހެކި އެބަހުރި ކަމަށް ބުނެ ޔޫކްރެއިނުން ވަގުތުން ޚަބަރުތައް ފެތުރިއެވެ. ނަމަވެސް، އެމެރިކާ އަދި އިނގިރޭސިވިލާތާއި، ހުޅަނގުގެ ބައެއް ގައުމުތަކުންވެސް މި ވާހަކަ ގަބޫލެއް ނުކުރެއެވެ.

މިސައިލް ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޕޯލެންޑާއި، ނޭޓޯއިން ވަނީ، މިއީ، ޔޫކްރެއިންގެ ވައިގެ ދިފާއުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން މިސްރާބުން ކައްސާލައިގެން އައި މިސައިލެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ނިންމާފައެވެ. އަދި މިއީ އެކްސިޑެންޓެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ޕޯލެންޑަށް ވެއްޓުނީ ކުރީގެ ސޯވިއެޓް ޔޫނިއަނުން އުފައްދާފައިވާ އެސް-300 ގެ ދުވަސްވީ މިސައިލެކެވެ. މި ބާވަތުގެ މިސައިލް، ހަނގުރާމައިގައި ރަޝިޔާއިންވެސް އަދި ޔޫކްރެއިނުންވެސް ބޭނުން ކުރަމުން ގެންދެއެވެ.

ޕޯލެންޑްގެ ރައީސް އަންދްޒޭޖް ޑޫޑާ ވިދާޅުވީ، ޕޯލެންޑާއި އަދި ނޭޓޯއިން އެއްކުރި މައުލޫމާތުން، މިސައިލް ފޮނުވާލީ ރަޝިޔާއިން ކަމުގެ އެއްވެސް ހެއްކެއް ފެންނާން ނެތް ކަމަށެވެ. އަދި މި މިސައިލަކީ ޔޫކްރެއިންގެ އެންޓި-އެއަރކްރާފްޓް ޑިފެންސުން ފޮނުވާލި މިސައިލެއް ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ، ޕޯލެންޑަށް ވެއްޓުނު މިސައިލަކީ ޔޫކްރެއިންގެ މިސައިލެއްކަމުގެ އެއްވެސް ހެއްކެއް ޔޫކްރެއިނަށް ލިބިފައި ނުވާކަމަށެވެ. އެހެންވެ، މިސައިލް ވެއްޓުނު ތަނަށް ދިއުމުގެ ފުރުސަތު ދިނުމަށާއި، ތަހްގީގުގައި ޔޫކްރެއިން ބައިވެރިކުރުމަށް ވަނީ ޑިމާންޑް ކުރައްވާފައެވެ.

ޕޯލެންޑުން ބުނެފައިވަނީ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ތަހްގީގުގައި ޔޫކްރެއިން ބައިވެރިވުމުގެ ފުރުސަތު ދޭނޭ ކަމަށެވެ.