އިސްރާއީލުގެ ޖަލެއްގައި އެންމެ ގިނަދުވަހު ހޭދަކޮށްފައިވާ ފަލަސްތީނުމީހާ ޖަލުން މިނިވަން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.
އިސްރާއީލުގެ އަނިޔާވެރި އަދި އުދުވާނީ ބާރުތަކުން ހައްޔަރުކޮށް އެއްވެސް ޝަރީއަތަކާއި ނުލައި އަދި ނުހައްގުން ޖަލަށް ލާފައިވާ ފަލަސްތީނު މީހުންގެ ކަންކަން ބަލަހައްޓާ ކޮމިޝަނުން ބުނީ، އިސްރާއީލުގެ ޖަލެއްގައި 40 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ކަރީމް ޔޫނިސް، ކުރިއަށްއޮތް 48 ދުވަހުގެ ތެރޭގައި މިނިވަން ކުރާނޭ ކަމަށެވެ.
އުމުރުން މިހާރު 63 އަހަރު ވެފައިވާ ކަރީމް ޔޫނިސްއަކީ ހުޅަނގު އައްސޭރީގެ އުތުރުގެ އަރާ ނަމަކަށްކިޔާ އަވަށަކަށް ނިސްބަތްވާ މީހެކެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ކަރީމް ޔޫނިސް ހައްޔަރު ކޮށްފައިވަނީ 6 ޖެނުއަރީ 1983 ގައެވެ.
އިސްރާއީލުން އޭނާ ހައްޔަރުކުރީ، އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން ތިބޭ ތިބުމާ ދެކޮޅަށް މަސައްކަތް ކުރާތީއާއި، ގޯލާންގެ އުސްބިންތައް ހިމެނޭ ސަރަހަައްދުގައި އިސްރާއީލު ސިފައިންގެ މީހަކަށް އަމާޒުކޮށް ދެވުނު ހަމަލާއަކާ ގުޅިގެންނެވެ.
އިސްރާއީލުން ކަރީމް ޔޫނިސް ހައްޔަރު ކުރުމަށްފަހު އުމުރަށް ޖަލަށް ލުމުގެ ހުކުމްކޮށް ޖަލަށްލިއެވެ. ނަމަވެސް، އެ ހުކުމް ފަހުންވަނީ 40 އަހަރަށް ބަދަލުކޮށްފައެވެ.
2014 ވަނަ އަހަރު ކަރީމް ޔޫނިސް ޖަލުން މިނިވަން ކުރާގޮތަށް ހަމަޖެހުނެވެ. އެއީ، އޭރު އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި ޖޯން ކެރީއާއި އިސްރާއީލާ ދެމެދު ހެދުނު ޑީލެއްގެ ދަށުންނެވެ.
އެ ޑީލްގެދަށުން ހަމަޖެހުނީ، 1993 ވަނަ އަހަރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހެދި އޮސްލޯ އެއްބަސްވުމުގައި ސޮއި ކުރުމުގެކުރިން އިސްރާއީލުން ހައްޔަރުކޮށް ޖަލަށް ލާފައިވާ ފަލަސްތީނުގެ ހުރިހާ ގައިދީން މިނިވަން ކުރުމަށެވެ.
ނަމަވެސް،، ދުނިޔޭގެ އެއްވެސް ގާނޫނަކަށް ބޯނުލަނބާ އިސްރާއީލުން އެ ޑީލަށްވެސް ފުރިހަމައަށް އަމަލެއް ނުކުރިއެވެ.
ވަރަށް ޒުވާން އުމުރުގައި އިސްރާއީލުން ޖަލަށްލި ކަރީމް ޔޫނިސްގެ އުމުރުން 63 އަހަރުވެ މިހާރު މުސްކުޅި ވެފައިވާއިރު، ކަރީމްގެ މަންމަ ސޯބިއާ ޔޫނިސް، އުމުރުން 90 އަހަރުގައި، މިއަހަރުގެ މެއިމަހުވަނީ ނިޔާވެފައެވެ.
ކަރީން ޔޫނިސްގެ މަންމަ ނިޔާވެ، ތާއަބަދަށް ކަރީމްއާ ވަކިވެގެންދިޔައީ ކަރީމް ޖަލަށްލީފަހުން ހަމަލޮލުން ނުދެކިއެވެ.
ކަރީން ޔޫނިސްގެ މަންމަ ނިޔާވިދުވަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެކަމާ ވަރަށް ބޮޑަށް ހިތާމަފާޅުކުރެއްވިއެވެ.