ރައީސުލްކުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްކީ ކޮލިޝަނެއް ދެމެހެއްޓުމުގައި އެންމެ ހަރުދަނާ އެއް ލީޑަރުކަން މިވެރިކަމުގެ 4 އަހަރުގައި ފެނިގެން ގޮސްފައިވާކަމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން "ވީ ނިއުސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ޞާލިހް ވަނީ، ދިވެހިރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ އިންތިހާބުތައް ބާއްވަން ފެށީއްސުރެ، މިއަދާއި ހަމަޔަށް އައިއިރު ކޮންމެ އިންތިހާބެއްވެސް ކާމިޔާބުވެފައި އޮތީ ކޯލިޝަނަކާއި އެކުގައިކަން ފާގަހަކުރައްވާފައެވެ. އަދި ކޮންމެ ވެރިކަމެއްގެ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ޝާމިލްވާ ކަން ވެސް އަލީ ޝާލިހް ފާހަގަކުރެއްވެ.

އަޅުގަނޑުމެންނަށް މިސަރުކާރާއިއެކު ކޮލިޝަންގައި 4 އަހަރު ތިބެވިއްޖެ.އެއީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާކީ އަޅުގަނޑު އަބަދުވެސް ދަންނަވާހެން ކޯލިޝަން ޗެންމްޕިއަން. ކޯލިޝަނެއް ދެމެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ލީޑަރު ކަމަށް ފެނިގެން ދިޔަ.
ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ އިސް ތަރުޖަމާނު އަލީ ޞާލިޙް

މީގެއިތުރުން، މިސަރުކާރުގެ 4 އަހަރުގައި، ޖުމްހޫރީ ޕާޓީވެސް ކޯލިޝަންގައި ހިމެނޭ ފާހަގަކުރައްވާ އަލީ ޞާލިހް ވަނީ ކޯލިޝަނެއް ދެމެހެއްޓުމުގައި ރައީސް ޞާލިހަކީ އެންމެ ހަރުދަނާ އެއް ލީޑަރުކަން ފާހަގަކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީއަކީ މިހިނގަމުންދާ ރިޔާސީ ދައުރުގެ އެއް ބައިވެރިއެއް ކަމަށާއި، މި ސަރުކާރުގެ ނައިބުރައީސް ފައިސަލް ނަސީމަކީ ޖުމްހޫރީ ޕާޓީގެ މެންބަރެއްކަންވެސް އަލީ ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ 4 އަހަރަކީ ޖުމްހޫރީ ޕާޓީއަށްވެސް އަދި ސަރުކާރަށް ވެސް ވަރަށް މުހިންމު 4 އަހަރު. އަދި ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާގޮތެއްގައި މަލްޓިޕާޓީއެއްގައި އެންމެ ގިނަ ދުވަހު ކޯލިޝަން ވެރިކަމެއް ބެހެއްޓި އެއް ރައީސް އަކީ ވެސް ރައީސް ޞާލިހް. ޖުމްހޫރީ ޕާޓީއަކީ މި ހިނގަމުންދާ ރިޔާސީ ދައުރުގައި އެއް ބައިވެރިއެއް. އަޅުގަނޑުމެންގެ ނައިބު ރައީސް ފައިސަލް ނަސީމަކީ ޖުމްހޫރީ ޕާޓީގެ މެންބަރެއް. ޖުމްހޫރީ ޕާޓީގެ ރަނިންގް މޭޓް.
ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ އިސް ތަރުޖަމާނު އަލީ ޞާލިޙް

ޖޭޕީއިން ދެކޭގޮތަގައި އެޕާޓީން ތިބީ މި ސަރުކާރު ހިންގުމުގައި ކަމަށާއި، މިސަރުކާރު ދެމެހެއްޓުމުގައި ޖޭޕީން ދެމި ހުންނަވާނެ ކަމަށް ވެސް އަލީ ޞާލިހު ވިދާޅުވެއެވެ.

މި ވެރިކަމުގެ ހަތަރު އަހަރުގެ ތެރެއިން ދެއަހަރު ދުވަސް ހޭދަކުރަން ޖެހުނީ ކޮވިޑް-19ގެ އާލަމީ ވަބާގައިކަން ފާހަގަކުރައްވާ އަލީ ޞޯލިހް ވަނީ ކޮވިޑް ދުވަސްވަރު ސަރުކާރުން ކަންކަން ހަމަޔަކަށް އަޅުވަން ކުރި މަސައްކަތައް ތައުރީފް ކުރައްވާފައެވެ.

ފުޅާ ކޯލިޝަނަކުން ވެރިކަމަށް އައުމަށް މީގެ ހަތަރު އަހަރު ކުރިން ރައީސް ޞާލިހް ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ބައިވެރިވުމާ އެކު އެކުލަވާލި އެމްޑީޕީގެ އަޣުލަބިއްޔަތު ހިމެނޭ ސަރުކާރުގެ ވައުދުތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ފަސް ދާއިރާއަކަށެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.