ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާއި ގުޅޭގޮތުން ހައްދުންމަތީ އިސްދޫ ކައުންސިލާއި، މިނިސްޓްރީ އެފް ޓޫރިޒަމްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިސްދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުއެވެ.

މިކަމާގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ފަހުނާމާއަކީ ލ. އިސްދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެރަށު ކައުންސިލްގެ އެދުމުގެ މަތިން، އެރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައެޅޭ ބިންބިން ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ބޭނުންވާ އިއުލާނާއި، ބީލަން ފޮތާއި، އެވޯޑް ލެޓާގެ އިތުރުން އެއްބަސްވުން ތައްޔާރުކުރުމާއި، ބީލަމާއި ގުޅުންހުރި އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ފަންނީ އެހީތެރިކަން އެކައުންސިލަށް ދިނުމަށް ސޮއިކުރެވޭ ފަހުމުނާމާއެއް ކަމަށެވެ.

އިސްދޫގައި މިވަގުތު އަމިއްލަ ފަރާތަކުން 12 ރޫމްގެ ގެސްޓް ހައުސްއެއް އިމާރާތް ކުރަމުން އެބަދެއެވެ. އިސްދޫގައި އަދި މިހާތަނަށް އެއްވެސް ގެސްޓްހައުސްއެއް ހިންގާފައެއް ނުވެއެވެ.