އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 އަހަރު ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރަމުން ގެންދާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި އެ މުއްދަތު އިތުރުކުމަށް އެދި އޮމްބަޑްސްޕަރސަނުން އެދުމާއި ގުޅިގެން ކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވަނީ، މިއަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.